ދިވެހިރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށްޓަކައި، އަންނަ މަހުގެ ތެރޭގައި އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުން މިހާރު ދަނީ ބޭނުންވާ ތައްޔާރީތައް ވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ކުންފުނިތަކަށް ޕްރޮޕޯސަލް ހުޅުވާލަނީ، އެ ޚިދުމަތުގެ ތެރެއިން ދިވެހި ރައްޔިތުންނާއި ސަރުކާރަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކަށްކަމަށެވެ. އެގޮތުން، ރާއްޖޭގައި ހިނގާ ސިއްޙީ ކުއްލި ޙާލަތްތަކުގައި އިވަކުއޭޝަން ހެދުމާއި ރެސްކިއު އޮޕަރޭޝަންތަކުގައި، ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ވަކި މިންވަރަކަށް ޚިދުމަތް ދޭންޖެހޭ ގޮތަށް ޝަރުތުތައް ހިމަނާނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުރީގެ ތަޖުރިބާތަކަށް ބަލާފައި، ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) އަށް ލުއި ބަދަލުތަކެއް ގެނެސް، ޑިސެމްބަރު މަހުގެ ކުރިން ހުޅުވާލެވޭނެކަމަށެވެ. "ޑިސެމްބަރުގެ ކުރިން ހުޅުވާލާ، އަހަރެއްގެ ތެރޭގައި މިކަން ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
މި ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ދިނުމަށްޓަކައި، ދުނިޔޭގައި މިކަމުގައި އެންމެ ކުރިއަރާފައިވާ ޤައުމު ކަމަށްވާ އެމެރިކާގެ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާއި އެއްގޮތަށް ރާއްޖޭގައި ދިރާސާއެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި ދިރާސާއިންވެސް ހާމަވެފައިވާ ގޮތުގައި، ވަކި ބާވަތްތަކުގެ ހެލިކޮޕްޓަރުގެ ޚިދުމަތް ރާއްޖޭގައި ރައްކާތެރިކަމާއެކު ދެވޭނެކަން ވަނީ ކަށަވަރުވެފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.