މޯލްޑިވިއަނުން މުލި އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޢަދަދު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
މޯލްޑިވިއަނުން މުލި އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޢަދަދު އިތުރުކޮށްފި

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން މުލަކަތޮޅު މުލި އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޢަދަދު އިތުރުކޮށް، ދުވާލަކު އެއް ދަތުރު ކުރަން ފަށައިފިއެވެ. މިއީ މޯލްޑިވިއަންގެ ދަތުރުފަތުރުގެ ނެޓްވޯކް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އެއަރލައިނުން ފާހަގަކޮށްފައިވާ ކަމެކެވެ. މީގެ ސަބަބުން މީމު އަތޮޅުގެ ރައްޔިތުންނާއި، އެ އަތޮޅަށް ދަތުރުކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މޯލްޑިވިއަނުން މ. މުއްޔަށް ދަތުރުތައް ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ 17ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހު އެ އެއަރލައިނުން ދަނީ މުއްޔަށް ދަތުރުތައް ބާއްވަމުންނެވެ. ނަމަވެސް، ދަތުރުތަކަށް އޮތް ޑިމާންޑަށް ބަލާ، މިހާރު ވަނީ ކޮންމެ ދުވަހަކުވެސް މުއްޔަށް ދަތުރުތައް ބާއްވަން ނިންމައި، އެގޮތަށް ދަތުރުތައް ކުރަން ފަށާފައެވެ.

މި ބަދަލާއެކު، ކޮންމެ ދުވަހަކުވެސް މާލެއާއި މުއްޔާ ދެމެދު ކުރެވޭ 35 މިނެޓުގެ ދަތުރެއް މިހާރު ވަނީ ޤާއިމްކުރެވިފައެވެ. މޯލްޑިވިއަނުން ވިދާޅުވާ ގޮތުގައި މި ދަތުރުތަކުގެ ސަބަބުން މީމު އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. އަދި މުލި އާއި އެ އަތޮޅަށް ދަތުރުކުރާ ފަތުރުވެރިންނަށްވެސް ދަތުރުކުރުމުގެ އިތުރު ފުރުސަތުތަކާއި ފަސޭހަތަކެއް ލިބިގެންދާނެކަން އެ އެއަރލައިނުން ފާހަގަކުރެއެވެ.

ދަތުރުތަކުގެ ޢަދަދު އިތުރުކުރުމަކީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ދަތުރުކުރާ ފަރާތްތަކަށް އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މޯލްޑިވިއަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން މީމު އަތޮޅުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން