މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޙުސްނީ މުބާރިކް ކަނޑައަޅަން މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޙުސްނީ މުބާރިކް ކަނޑައަޅަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި މަޤާމަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަޤާމެވެ.

މި މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީގައި ޖުމްލަ 10 މެންބަރުން ހިމެނިވަޑައިގަންނަވާއިރު، ޙުސައިން ރިޟާ އިސްތިއުފާ ދެއްވިއިރު، އެމަނިކުފާނަކީ ޖޭއެސްސީގެ ރައީސްކަންވެސް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަޤާމު ހުސްވުމާއެކު، އެ މަޤާމަށް މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުން ވަނީ ފަށާފައެވެ.

ޖޭއެސްސީއަށް މަޖިލީހުން މެންބަރަކު ކަނޑައެޅުމަށް ނަން ހުށައެޅުމަށާއި ތާޢީދުކުރުމަށް ހުޅުވާލި ފުރުޞަތުގައި، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ޖޭއެސްސީއަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކްގެ ނަން ހުށައަޅުއްވާފައެވެ. އެ ނަމަށް ތާޢީދުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ކަނޑައެޅުމަށް ނެގުނު ވޯޓުގައި، ޖުމްލަ 58 މެންބަރުން ވަނީ އޭނާ އައްޔަންކުރަން ފެންނަކަމަށް ވޯޓުދެއްވާފައެވެ. މި ފާސްކުރުމާއެކު، ޙުސްނީ މުބާރިކް ވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަން ތަމްސީލުކުރައްވާ މެންބަރަށްވެވަޑައިގެންފައެވެ.

މިއަދު އޮންލައިން