ޅ. އޮޅުވެލިފުށީގައި ސަރުކާރުން ގާއިމުކުރައްވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މި މަޝްރޫޢަކީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ލިބިދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ.
މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އޮޅުވެލިފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއި ހަވާލުކުރައްވައިގެންނެވެ.
ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދާއި، އޮޅުވެލިފުށި ހިމެނޭ، ކުރެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ޝާމިން ހަބީބާއި، އޮޅުވެލިފުށި ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް ހިމެނޭ ބޭފުޅުންނެވެ. މި ބޭފުޅުންގެ ބައިވެރިވުމާއެކު މި މަޝްރޫޢު ފެށިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް ލިބުނު އުފަލެކެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، މިއީ ހަރަކާތްތެރި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތަށް އެ ކުންފުނިން ދޭ އެއްބާރުލުން ފާހަގަކުރެވޭ މަޝްރޫއަކަށްވާނެއެވެ. މި ސެންޓަރުގެ ސަބަބުން އޮޅުވެލިފުށީގެ ރައްޔިތުންނަށް ފިޓްނެސް އަދި ހަށިހެޔޮކަމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ.