ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖެނުއަރީގެ ނިޔަލަށް ފެށޭނެ: ވަޒީރު އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖެނުއަރީގެ ނިޔަލަށް ފެށޭނެ: ވަޒީރު އަމީން

ސަރުކާރުން ތަޢާރަފުކުރަން ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ފެށޭނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މި ޚިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ، ޓެކްސީ ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

މި ޚިދުމަތް ފެށުމަށް ސަރުކާރުން ކުރިން ނިންމާފައި އޮތީ މި އަހަރުގެ އޮގަސްޓް މަހުގައެވެ. ނަމަވެސް، މިހާރު ވަނީ އެ ތާރީޚު އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ފަސްކުރެވިފައެވެ. މި މަޝްރޫޢުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު މުޙައްމަދު އަމީން ވަނީ ޓެކްސީ ލައިނަށް ގެނައުމަށް ނިންމާފައިވާ އުޅަނދުތަކާ ބެހޭގޮތުން އިތުރު ތަފްޞީލު ދެއްވާފައެވެ. ވަޒީރު ވިދާޅުވީ، ރާއްޖެއަށް ގެންނަން ނިންމާފައިވަނީ އިލެކްޓްރޯނިކް (އީވީ) ކާރުތަކެއް ކަމަށާއި، އެ އުޅަނދުތައް ރާއްޖޭގެ މާޙައުލާ ނުގުޅޭ ގޮތަކަށް ފަރުމާކޮށް ގެނެސްފިނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވާނެކަން އެ ކާރުތައް އުފައްދާ ކުންފުނިންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން، އީވީ ކާރުތަކުގެ ޚާއްޞަ ޑިޒައިނާއި މާޙައުލާ ގުޅޭގޮތަށް ބަދަލުތައް ގެނައުމަށް ވަގުތު ބޭނުންވާތީ، ޚިދުމަތް ފެށުން ވަނީ ފަސްވެފައެވެ. މި ޓެކްސީ ލައިންގެ ޚިދުމަތާއެކު، ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން އުއްމީދުކުރެއެވެ.

މިއަދު އޮންލައިން