ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢެއް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ސްކޫލަށް ބޭނުންވާ 8 ކްލާސްރޫމާއި، އައު އެޑްމިން ބްލޮކެއް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
މި މަޝްރޫޢާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މިފަދަ ބޮޑު މަޝްރޫޢެއް ރައީސްގެ ދަތުރުފުޅެއްގެ ތެރެއިން ހަވާލުކުރުމަކީ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.
މަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާޢީލު ޝަފީޢުއެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާންއެވެ.
ޅ. އަތޮޅު ތަޢުލީމީ މަރުކަޒަކީ އަތޮޅުގެ މުހިންމު ސްކޫލެކެވެ. މި އިތުރުކުރެވޭ ކްލާސްރޫމްތަކާއި އެޑްމިން ބްލޮކްގެ ސަބަބުން ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުވެ، ދަރިވަރުންނަށް އިތުރަށް ފަހި މާހައުލެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.