ވަރަށް އާދައިގެ އެންމެ ކަމެއް ފާހަގަކޮށްލާނަމެވެ. ބޭރުން އައިސް ގެއަށް ވަންނައިރު ގޭތެރެ ސާފުކޮށް، ތަރުތީބުކޮށްފައި ނެތްނަމަ އަނބިމީހާ އާއި ސުވާލުކުރުމަކީ ވަރަށް ޢާންމުކަމެކެވެ. އެދުވަހު ދަރިން ގޮވައިގެން އަނބިމީހާއަށް އުޅެންޖެހުނު ޙާލު އޮޅުންފިލުވުމުގެ ކުރިއަށް އޮންނަނީ އަނބިމީހާގެ ހިތުގަ ޖެހޭފަދަ ކޮންމެވެސް އެހެން ބަހެއް ބުނެވިފައެވެ.
އެހެންކަމަށްވާއިރު ދަރިން ގޮވައިގެން ބުރަކޮށް އުޅެމުންވެސް ފިރިމީހާ ގެއަށް އަންނައިރު ގޭތެރެ ސާފުކޮށް ތަރުތީބުކޮށްފައި ހުރިނަމަ، ކަންކަން އިންތިޒާމުކޮށްފައި ހުރިނަމަ ތައްރީފްގެ ބަހެއް ބުނަމުހެއްޔެވެ؟ ނަދަންވާއިރަށް ރީތިކޮށް އެނދު ތަންމަތި އަޅައި އެނދާއި ކޮޓަރިން މީރުވަސްދުވާވަރުކޮށްފައި ހުރީމާ ތަޢްރީފްގެ ބަހެއް ބުނަމުހެއްޔެވެ؟
ބުނަން ހެއްޔެވެ؟ ތަފާތު ދެކެލަންވެސް ކޫސަނި ކަންކަމަށް އަނބިންގެ ހިތުގަ ޖެހޭފަދަ ބަސްތައް ބުނުން ހުއްޓާލައި ކުރާ ރަނގަޅު ކަންކަމަށް ތަޢްރީފްގެ ބަސް ބުނަން ނިކަން ފަށައިބަލާށެވެ. ކަންކަން މާބޮޑަށް ފުރިހަމަވެފައި ހުންނަތަން ފެންނަން ފަށާނެއެވެ. އިން ޝާ ﷲ
ގިނަ އަނބިންނަކީ ދަރިންކޮޅު ގޮވައިގެން ގޭގައި އެކަނި ތިބޭބައެކެވެ. ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. އެމީހުންނަށް އެހެން މީހަކާއި ބައްދަލުވާނީވެސް ގެއަށް މީހަކު ދިއަނަމައެވެ. ބައްދަލުވާނީ ފިރިމީހާ ޢާއިއެވެ. އަނބިމީހާ ހުންނާނީ ފިރިމީހާގެ ކިބައިން ތަޢްރީފްގެ ބަހަކަށް އެދިގެންނެވެ. އޯގާތެރިކަމަށް އެދިގެންނެވެ. އެކަންކަން ފިރިމީހާ ކޮށްނުދޭނަމަ އަބަދުހެން ހުންނާނީ މާޔޫސްކަމުގައެވެ.
ހިތާމައަކީ ގިނަ ފިރިންނަށް އެކަންކަން ވަޒަން ނުކުރެވޭކަމެވެ. އަބަދުހެން އަނބިމިހާގެ ކުށްދައްކަން އުޅެވޭކަމެވެ. އެއިރުން އަނބިމީހާގެ މާޔޫސްކަން ދާނީ އިތުރުވަމުންނެވެ. މިލައިމޯޅިވަމުންނެވެ. ގަސްތަކަށް ފެންނުދިނުމުން މިލައި މޯޅިވާ އުޞޫލުންނެވެ.
ދިރިއުޅުމުގައި އުފާވެރިކަމަކީވެސް ފެންދީގެން ހައްދަން ޖެހޭ އެއްޗެކެވެ. ލޯބިއިތުރުވާނީ ލޯބިދިންވަރަކުންނެވެ. ލޯބި ނުދީ ލޯބި ހޯދަން އުޅުނަސް އެކަމެއް ނުވާނެއެވެ. ބުނަންހެއްޔެވެ؟ އަނބިމީހާގެ ކުށް ހޯދައިގެން އެކަންކަމުގެ ވާހަކަ ދައްކަމުން ހިނގުން ހުއްޓައިލާށެވެ. އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއިގެ ބަދަލުގައި އަނބިމިހާއަށް ލޯބިދީގެން، އަނބިމީހާގެ ހުންނަ ރަނގަޅު ސިފަތައް ބަލައިގަނެ ތަޢްރީފްކުރާނަމަ ދުވަހަށް ދުވަހަކަށް ދާނީ އުފާވެރިކަން އިތުރުވަމުންނެވެ. އިން ޝާ ﷲ
--އަލަފް / މިއަދުނޫސް