ރަނުގެ ވާދީއެއް ލިބުމަށްވުރެ ނުލިބުމުން ކުރާނެ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ރަނުގެ ވާދީއެއް ލިބުމަށްވުރެ ނުލިބުމުން ކުރާނެ ފައިދާ މާބޮޑުވާނެ!

މިލިއަނުން ޑޮލަރު ދެއްވެވުން އެދިގެން ދުޢާކުރުމަކުންވެސް މައްސަލައެއް ނެތެވެ. މައްސަލައަކަށް މިވަނީ ދެއްވެވުމުން ތިމާއަށް ޢަމަލުކުރެވޭ ގޮތެވެ. ﷲ ތަޢާލާގެ މަގާއި ދުރަށްދެވޭކަމެވެ. އެހެންވެ ޢިލްމްވެރިން ވިދާޅުވަނީ ތަނަވަސްކަމަށް އެދިގެން ދުޢާކުރާއިރުވެސް ކިރިޔާ ފުދޭނެ މިންވަރަށް ދެއްވެވުން އެދިގެން ދުޢާކުރުމަށެވެ.

އިމާމް މަޙްދީގެފާނު ފައުޅުކުރެއްވެވުމުގެ ކުރިން ފެންނާނެ އެއް ޢަލާމާތަކީ ރަންފަރުބަދަ ފެނުމެވެ. ފުރާތުކޯރުގެ ފެންގަނޑު އެދަނީ ހިނދެމުންނެވެ. ލަސްތަކެއް ނުވެ ރަންފަރުބަދަ ފެނިދާނެއެވެ.

ރަންފަރުބަދަ ފެނުމުން އެއިގެ ކައިރިއަށް ގޮސް ވެރިވެގަންނަން (ރަން ހޯދަން) މަސައްކަތްކުރާ މީހުންގެ ތެރެއިން 100 އަކުން 99 މީހުން މަރުވާނެ (މަރައިލެވޭނެ) ކަން އެނގެން އެބައޮތެވެ. އަދި އެކަމަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އިންޒާރު ދެއްވަވައިފައެވެ.

އަދި އެރަންފަރުބަދައެއް ނުފެނެއެވެ. ނަމަވެސް ތަނަވަސްކަމަށް ދަހިވެތިވެ ޢާއިލާތަކުގައި ދަނީ މައްސަލަތައް އިތުރުވަމުންނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ބޮޑެތި ހަނގުރާމަތައް ދަނީ ކުރެވެމުންނެވެ. ހަނގުރާމަތަކުގައި އެތައް ބައަކު ދަނީ މަރުވަމުންނެވެ.

އަހުރެން ބުނެލަން ބޭނުންވަނީ ތަނަވަސްކަމަށް ދަހިވެތިނުވާށެވެ. ރަނުގެ ވާދީއެއް ލިބުމަށްވުރެ ނުލިބުމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. ވީމާ ތަނަވަސްކަމުގެ ދަހިވެތިކަމުގައި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުދޭށެވެ. އެއްވެސް މީހަކު ނުމަރާށެވެ. ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބުނަސް ދުނިޔެއިން ދާންޖެހޭނީ އެއްޗެއް ދޫކޮށްލައިފައެވެ. އަދި އެތަނަވަސްކަން ހޯދަން ނުވަތަ ލިބިގަތުމަށް ފާފައެއް ކުރެވިފައިވާނަމަ އެފާފައެއް ހިފައިގެންނެވެ. އެފަދަ މީހަކަށް ވެވިއްޖެނަމަ އޮތީ ކޮންފަދަ ބޮޑު ނިކަމެތިކަމެއް ހެއްޔެވެ؟

ﷲ ތަޢާލާ ތިމާއަށް ދެއްވެވި މިންވަރަށް ޝުކުރުވެރިވާށެވެ! އަސާސީ ބޭނުންތައް ފުއްދައިލެވޭނަމަ އެހުރެވެނީ އެންމެ ބޮޑު ނިޢުމަތުގައިކަމަށް ޤަބޫލުކުރާށެވެ! ފުއްދައި ނުލެވުނަސް ޝަކުވާ ނުކުރާށެވެ. ތަނަވަސްކަން ﷲ ތަޢާލާ ދެއްވަވާނީ އެންމެންނަށް އެއްވަރަށް ނޫންކަން ޤަބޫލުކުރާށެވެ. އަދި ތަނަވަސްމީހުން ސުވަރުގެ ވެއްދެވުމުގެ 500 އަހަރުކުރިން ފަޤީރުން ސުވަރުގެ ވައްދަވާކަން ޤަބޫލުކޮށް އުފާކުރާ މީހަކަށްވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން