އަނބިދަރިންނަށާ ޢާއިލާއަށް ހެޔޮކޮށް ނުހިތޭނަމަ އެއީ އެމީހަކަށް އޮތް ބޮޑު ނުރައްކަލެއް! އެހުރެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭ މީހުންގެ ތެރޭގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އަނބިދަރިންނަށާ ޢާއިލާއަށް ހެޔޮކޮށް ނުހިތޭނަމަ އެއީ އެމީހަކަށް އޮތް ބޮޑު ނުރައްކަލެއް! އެހުރެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭ މީހުންގެ ތެރޭގަ!

މީހުންގެ އަގުވަޒަންކުރަން ވިސްނާއިރު އޭނާއަށް ލިބިފައިވާ ޢާރާއި ބާރާއިމެދު އަދި ތަނަވަސްކަމާއިމެދުވެސް ވިސްނުމެއް ނެތެވެ. ބަލަންވީ އޭނާ ދިރިއުޅެމުން އަންނަ ގޮތަށެވެ. ﷲ ތަޢާލާގެ ޙައްޤުތައް އަދާކުރާ މިންވްރާއިމެދުގައެވެ.

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެމީހުންނަށް ތަނަވަސްކަމާއި ބާރާއި އިސްމަޤާމުތައް ލިބިފައިވާނަމަ އެމީހުންނަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންތިބި ބައަކު ކަމުގައެވެ. ނޫނެކެވެ! އެއްވެސް ޙާލެއްގައި އެކަންކަން ލިބުމަކީ އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެއް ނޫނެވެ.

ޤާރޫނަށް ތަނަވަސްކަން ދެއްވެވިއެވެ. ނަމްރޫދާއި ފިރުއަޢުނު ފަދަ އެތައް ބައަކަށް ބާރާއި ރަސްކަން ދެއްވެވިއެވެ. އެމީހުންނަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުނު ބައަކު ކަމުގައިވިހެއްޔެވެ؟ އެއިގެ ބަދަލުގައި އެމީހުންވީ ﷲ ތަޢާލާ ލަޢްނަތް ލެއްވެވި މީހުންނަށެވެ.

ތިބާއަށް ﷲ ތަޢާލާއަށް ކިޔަމަންތެރިވެވޭހެއްޔެވެ؟ އަޅުކަންކުރެވޭ ހެއްޔެވެ؟ އިސްލާމްދީނުގައި ޘާބިތުވެހުންނަން މަސައްކަތްކުރެވޭ ހެއްޔެވެ؟ އެހެންމީހުންނަށް ހެޔޮކޮށް ހިތޭހެއްޔެވެ؟ އަނބިދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އަޅައިލެވޭހެއްޔެވެ؟ މިފަދަ ކަންކަން ކުރެވޭނަމަ ތިބާއަށް އެވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައެވެ. އިން ޝާ ﷲ. މިކަންކަން ނުކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭ މީހުންގެ ތެރޭގައެވެ! އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރައެވެ.

ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އެދޭނަމަ ކުރަންވީ މި ބަޔާންކުރި ކަންކަމެވެ. މިންއަޅަންވީ އެކަންކަން ކުރެވޭ މިންވަރުގައެވެ. ލިބޭ ތަނަވަސްކަމާއި އާރާއި ބާރާއި މަތީ މަޤާމުތަކުގައެއް ނޫނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން