ބައެއް ފިރިންނަށް ވިސްނިފައި އޮންނަނީ ފިރިމީހާގެ އެހީތެރިކަމާއި ނުލައި އުޅެން އަނބިމީހާއަށް ދަސްކޮށްދިނުމަކީ އަދި އެގޮތަށް ހޭނުވުމަކީ ތިމާގެ ބޮލަށް ވަރަށް ފަސޭހަވާނެ ކަމެއް ކަމަށެވެ. ގެއިން ބޭރުގައި ގިނަ ވަޤުތު އުޅުނަސް އަނބިމީހާ ކަންބޮޑު ނުވާނެ ސަބަބެއް ކަމަށެވެ.
ކަމުގެ ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އަނބިމީހާއަށް އެކަނި އަމިއްލައަށް ހުރިހާ ކަންކަން ކޮށްގެން އުޅެން ފުރުޞަތުދިން ވަރަކަށް ފިރިމީހާގެ މުހިންމުކަމާއި ބޭނުން ދާނީ ކުޑަވަމުންނެވެ. އެންމެ ފަހުން ނުކުންނާނެ ނަތީޖާއަކީ ފިރިމީހާގެ އެއްވެސް ބޭނުމެއް ނެތުމެވެ. އެހިސާބުން ފިރިމީހާއާއި ދުރަށް ޖެހެވެންފަށާނެއެވެ. އެއީ ލޯބިނުވާތީއެއް ނޫނެވެ. އެއިރުވެސް ލޯބިވާނެއެވެ. ނަމަވެސް ފިރިމީހާގެ މުހިންމުކަން ކުޑަވަނީއެވެ.
އަހުރެން ބުނާނީ އަނބިމީހާގެ އަތަށް ފައިސާދީފައި ގެއަށް ބޭނުންވާ ހުރިހާ އެއްޗެއް އަމިއްލައަށް ގަންނަން ދޫކޮށްނުލާށެވެ! ދެމަފިރިން އެކުގައި ގޮސް ބާޒާރުކުރާށެވެ! އެކުގައި ދާން އުނދަގޫވާނަމަ އަމިއްލައަށް ގަނަގެން ގެންގޮސްދޭށެވެ! މިބަހުގެ މާނައަކީ މަދުވާއެއްޗެއް ގަތުމުގެ ފުރުޞަތު އަނބިމީހާއަށް ނުދިނުމެއް ނޫނެވެ. އެފުރުޞަތުދޭންވާނެއެވެ.
މީގެ އިތުރުންވެސް ކުރިމަތިވާނެ ކަމެއް ފާހަގަކޮށްލާނަމެވެ. ގެއަށް ބޭނުންވާ ތަކެތި ގަންނަން ގިނަގިނައިން އަނބިމީހާ އެކަނިދާނަމަ އެތަން ފެންނަ މީހުން އެކަން ފާހަގަކުރާނެއެވެ. އެކަމުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރާނެއެވެ.
ދެން ބުނެލަން ބޭނުންވަނީ އަނބިމީހާއަށް ތިބާއާ ނުލައި އުޅެން އާދަކުރުވުމަކީ އަނބިމީހާ ދެކެ ލޯބިވާ ފިރިއަކު ކުރާނެ ކަމެއް ނޫނެވެ. އެއީ އަނބިމީހާގެ މުހިންމުކަން ޤަބޫލުނުކުރާ ފިރިން ކުރާ ކަމެކެވެ. ވީމާ ވިސްނައި ހޭލުންތެރިވެގެން ނޫނީ އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން