ދަރިން ދެއްވެވުން އެދިގެން ދުޢާކުރާއިރު ދުޢާގައި ހިމަނަންޖެހޭ އެންމެ މުހިންމު ކަންކަން- ޤުރްޢާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ދަރިން ދެއްވެވުން އެދިގެން ދުޢާކުރާއިރު ދުޢާގައި ހިމަނަންޖެހޭ އެންމެ މުހިންމު ކަންކަން- ޤުރްޢާނުން

ދަރިން ދެއްވެވުން އެދި ދުޢާކުރާއިރު ފުރަތަމަ ކަމަކަށް ވިސްނާލަންވީ ހަމައެކަނި ދަރިން ދެއްވެވުން އެދި ދުޢާކުރުމުން ނުފުދޭކަމެވެ. 

ތިމާއަކީ ނަމާދު ޤާއިމުކޮށްއުޅޭ މީހަކު ކަމުގައިވުމަށް މަސައްކަތްކުރަމުން އެކަމަށް މަގުފަހިކުރައްވަވައި ދެއްވެވުމަށް އެދެންޖެހެއެވެ. އަދި ދެއްވަވާ ދަރިންނަކީވެސް ނަމާދު ޤާއިމުކުރާ ދަރިން ކަމުގައި ލައްވަވައިދެއްވެވުމަށް އެދެން ޖެހެއެވެ. އަދި ދުޢާކުރުމަށްފަހު ކުރި ދުޢާ ޤަބޫލުފުޅުކުރެއްވެވުމަށްވެސް އެދެންޖެހެއެވެ. ހަމައެއާއިއެކު ދުޢާ ޢިޖާބަކުރައްވަވާނެކަން ޔަޤީންކުރަންވެސް ޖެހެއެވެ. 

އިބްރާހީމްގެފާނު ކުރެއްވެވި ދުޢާގައި ހިމެނޭ އެއް ކަމެއް ފާހަގަކޮށްލާނަމެވެ. ދަރިން ދެއްވެވުން އެދި ދުޢާކުރާއިރު "އަލްވައްހާބް" ބޭނުންކުރާށެވެ! އެއީ އެކަމަށް ޚާއްޞަވެގެންވާ ނަންފުޅެކެވެ.  

އިބްރާހީމްގެފާނު ކުރެއްވެވި ދުޢާ: 

ٱلْحَمْدُ لِلَّهِ ٱلَّذِى وَهَبَ لِى عَلَى ٱلْكِبَرِ إِسْمَٰعِيلَ وَإِسْحَٰقَ إِنَّ رَبِّى لَسَمِيعُ ٱلدُّعَآءِ 

"ޙަމްދު ހުރީ، ﷲ އަށެވެ. އެކަލާނގެއީ، އަޅު، މުސްކުޅިވެފައިވަނިކޮށް، އަޅާއަށް އިސްމާޢީލް އާއި، އިސްޙާޤް ދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަޅުގެ ވެރިރަސްކަލާނގެއީ، ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ." 

رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى رَبَّنَا وَتَقَبَّلْ دُعَآءِ  

"އަޅުގެވެރި ރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމުކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ." 

رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ  

އަޅަމެންގެ ވެރިރަސްކަލާކޮ! ހިސާބު ޤާއިމު ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނު ތަކުންނަށް ފާފަފުއްސަވާނދޭވެ!" އިބްރާހީމް: 39،40،41) 

އެއްބައަކު ދުޢާކުރާނީ ދަރިން ނުލިބި ލަސްވާތީ އަވަހަށް ދަރިއަކު ދެއްވެވުން އެދިގެންނެވެ. އަނެއް ބައަކު ދުޢާކުރާނީ އިތުރު ދަރިންނަށް ބޭނުންވެގެންނެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް ދުޢާކުރަންވީއެވެ. އެއީ މައްސަލައެއް ނޫނެވެ. މަސައްކަތްކުރަންވީ ތިމާ ކުރާ ދުޢާގައި މިކަންކަން ހިމެނުމަށެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން