އެސްފީނާއަށް ސަމާލުވަމާ- 5: ދެ ކާފަދަރިކަލުން، ޙަސަންގެފާނަށާ ޙުސައިންގެފާނަށް ރަސޫލް ޞޢޥ ރުޤްޔާ ކުރެއްވެވި ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 16ސ
އެސްފީނާއަށް ސަމާލުވަމާ- 5: ދެ ކާފަދަރިކަލުން، ޙަސަންގެފާނަށާ ޙުސައިންގެފާނަށް ރަސޫލް ޞޢޥ ރުޤްޔާ ކުރެއްވެވި ދުޢާ-

އެސްފީނާއާއި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތް ވުމަށް ހެނދުނާއި ހަވީރުގެ ޛިކުރުތައް ފަރުވާތެރިކަމާއެކު ކިޔުން ވަރަށް މުހިންމެވެ. މިއާއެކު ބައެއް ފަރާތްތަކަށް އުފެދޭ ސުވާލަކީ، ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަށްފަހު ތުއްތު ކުދިންގެ މޫނަށް ފުމެލުން ކިހިނެއް ވާނެބާއެވެ؟ މިފަދައިން ބައެއް މީހުން ޢަމަލުވެސް ކުރެއެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. 

"ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔައި ތުއްތު ކުދިންގެ ގަޔަށް ފުމުމާ ބެހޭގޮތުން ދަންނައެވެ. އެކުދިންނަށް ރުޤްޔާ ކުރުމުގެ ޤަސްދުގައި އެފަދައިން ކަންތައް ކުރެވިދާނެ ކަމަށް ޘާބިތުވެގެންވާކަމެއް އެނގޭކަށް ނެތެވެ. އަދި އެފަދައިން ކަންތައް ކުރުމަށް ތިބާއަކަށް ނަސޭޙަތެއް ނުދެމެވެ. އެހެނެއްކަމަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދުވެފައިވާ ކަންކަން ކުރުމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ފަހެ އެކަންތަކުން ފުދޭނެއެވެ. ފަހެ އެންމެ ހެޔޮވެގެންވާ މަގަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި މަގެވެ. والله أعلم. [1]

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި މަގަކީ ކޮބައިތޯ ބަލައިލާއިރު، ތުއްތު ދަރިފުޅު ރައްކާތެރި ކުރުމަށްޓަކައި އެދަރިފުޅަށް ރުޤުޔާ ކުރުމަށް ހަދަންވީ ގޮތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްވަނީ ދައްކަވާފައެވެ. އެގޮތުން، އެކަލޭގެފާނުގެ ކާފަ ދެ ދަރިކަލުން ކަމަށްވާ ޙަސަން އަދި ޙުސައިން ރަޟިޔަﷲ ޢަންހުމާ އަށް ރައްކާތެރިކަމަށް އެދިވަޑައިގެން އެކަލޭގެފާނު ވަނީ ދުޢާ ކުރައްވާފައެވެ. ފަހެ އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާ ކުރަށްވާފައިވާ ޙަދީޘެއްގައި ވެއެވެ. 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : ( كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ : إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ : أعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لاَمَّةٍ ) [2]

މާނަ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙަސަންގެފާނާއި ޙުސައިންގެފާނަށް، ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިވަޑައިގެން ވިދާޅުވިއެވެ. ހަމަކަށަވަރުން ތިދެބޭކަލުންގެ ބައްޕާފުޅު ކަމުގައިވާ އިބްރާހީމް ޢަލައިހިއްސަލާމް، (އެކަލޭގެފާނުގެ ދެދަރިކަލުން ކަމަށްވާ) އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނަށް (ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދި އަންނަނިވި) ދުޢާ ކުރެއްވިއެވެ 

."أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لاَمَّةٍ"

މާނަ: "ﷲގެ ފުރިހަމަ ކަލިމަފުޅުތައް މެދުވެރިކޮށް، އެންމެހާ ޝައިޠާނުންނާއި، އެންމެހާ ވިހަލާ ސޫފިތަކާއި، އެންމެހާ އެސްފީނާ ޖައްސުވައިދޭ ލޮލަކުން ތިޔަ ދެކަލުންނަށް ރައްކާތެރިކަން ދެއްވުމަށް އެދެމެވެ." 

އަދިވެސް އެހެން ޙަދީޘެއް ޛިކުރުކޮށްލާނަމެވެ. މިއީ އިމާމް އައްތިރްމިޛީ ރިވާކުރައްވައި ޝައިޚު އަލްބާނީ ޞައްޙަ ކުރައްވާފައިވާ ޙަދީޘެކެވެ. 

عن أبي سعيد الخدري رضي الله عنه قال : ( كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَعَوَّذُ مِنَ الجَانِّ وَعَيْنِ الإِنْسَانِ حَتَّى نَزَلَتِ الْمُعَوِّذَتَانِ ، فَلَمَّا نَزَلَتَا أَخَذَ بِهِمَا وَتَرَكَ مَا سِوَاهُمَا ) [3]

އަބޫ ސަޢީދުނިލް ޚުދްރީގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގެ މާނާގައި ވެއެވެ. "(ﷲ ޞުބުޙާނަހޫ ވަތަޢާލާ،) މުޢައްވިޛަތައިން (سورة الفلق އަދި سورة الناس) ބާވައިލެއްވުމަށް ދާންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޖިންނި އާއި އެސްފީނާއިން ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިވަޑައިގެން (އެހެނިހެން) ދުޢާ ކުރެއްވިއެވެ. މުޢައްވިޛަތައިން ބާވައިލެއްވުމާއެކު، އެކަލޭގެފާނު، (އެކަންކަމަށް) މުޢައްވިޛަތައިން ކިޔުއްވައި ރުޤްޔާ ކުރައްވަތެވެ. އަދި ކުރިން ކިޔުއްވި ތަކެތި ކިޔުއްވުން ހުއްޓާލެއްވިއެވެ". 

އެހެންކަމުން މި ދެ ގޮތުން ތުއްތު ކުދިންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅިދާނެއެވެ. އަދި ކުދިން ބޮޑުވެ އެއްޗިހި ހިތުދަސް ކުރެވެން ފެށުމާއެކު އެކުދިންނަށް ހެނދުނާއި ހަވީރުގެ ޛިކުރުތައް ދަސްކޮށްދޭށެވެ. އަދި އެ ޛިކުރުތައް ކިޔަން އާދަކުރުވާށެވެ.

 

އައްޝައިޚް މަތީޢު އިސްމާޢީލް މުޙައްމަދު ގެލިޔުއްވުމަކުން

- ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން