އަޅުގަނޑަކީ 3 ދަރިން ބަލަހައްޓަމުން އަންނަ އަންތބަކީމެވެ. މައްސަލައަކަށް ވެގެން މިއުޅެނީ ދަރިން ބަލަަހއްޓަން ޖެހޭ ކަމެއް ނޫނެވެ. ފިރިމީހާގެ ރުޅިގަދަކަމެވެ. ރުޅިއަންނައިރަށް ނުބައިބަސްތައް ބުނުމުގެ އިތުރުން ދުނިޔެއިން ނައްތައިލާނެ ކަމުގެ އިންޒާރުވެސް ދޭތީއެވެ. މިޙާލުގައި އުޅެން ޖެހުމުން މިއީ ބޮޑު ނަފްސާނީ މައްސަލައަކަށްވެސް ވެއްޖެއެވެ.
އަޅުގަނޑުގެ ސުވާލަކީ މިޙާލަތުން ސަލާމަތްވާން ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ފުދޭވަރަކަށް ގިނައިން ލިބޭ ޝަކުވާއެކެވެ. ތަްްވާވެރިކަން ކުރިއަރުވައި ދުޢާކުރުން ގިނަކުރާށެވެ! އަދި ތިއަ ވާހަކަތައް ރަނގަޅު ޢިލްމުވެރިއަކަށް ޙިއްޞާކޮށް ފިރިމީހާއަށް ނަޞޭޙަތްދީ ވިސްނައިދޭން މަސައްކަތްކުރާށެވެ.
ތިރީގައިވާ ޙާދިސާގައިވާފަދަ ޙާލަތެއް ޖެހިދާނެކަންވެސް ވިސްނައިދޭން މަސައްކަތްކުރާށެވެ! ދުޢާކުރރުން ހުއްޓާނުލައި ގެންދާށެވެ. ކާމިޔާބުވާނެއެވެ. އިން ޝާ ﷲ
ފިރިއަކު އަނބިމީހާ ދެކެ ރުޅި އައިސްގެން އުޅުނީ ފްލެޓުގެ ބެލަކަނީން ވައްތާލާށެވެ! އަނބިމިހާގެ ފުރާނަ ސަލާމަތްވީ އެވަގުތު އެތަނަށް އައި ބައަކު އެކަމަށް ހުރަސް އަޅައި އާދޭސްކުރުމުންނެވެ.
އަނބިމީހާގެ ގައިން އަތްދޫކޮށްލުމަށްފަހު ގޭތެރެއަށްވަދެ ކުޑަ ފެންފުޅިއެއް ނަގައިގެން ގޮސް އަނބިމީހާގެ ކުށް ބަޔާންކޮށްދޭން ބެލްކަނީގެ ފާރުބުރީގައި އިށީނެވެ. އެޙާލަތުގައި އެތަނުގައި ނުއިނދެ ތެދުވެ އެތެރެއަށް ވަންނަން ނަޞޭހަތްދިނުމުން ތެދުވަން ހަދާލެވުނު ގޮތަކުން ފުރަގަހަށް އަރިއަޅާލައިގެން ވެށްޓުނީ ބޭރަށެވެ.
މަރެއް ނުވެއެވެ. މައިބަދަ ބިނދުނީއެވެ. ތިރީކޮޅުން ވާގިދިއައީއެވެ. ނުކުޅެދޭ މީހަކަށްބަދަލުވީއެވެ! އެއްކަލަ ބެލްކަނީން ވައްޓާލަން އުޅުނު އަނބިމީހާއަށް މިޖެހުނީ ނުކުޅެދޭ މީހެއްގެ ގޮތުގައި އުމުރަށް ފިރިމީހާ ބަލާށެވެ!
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތު ބުނެލަން އޮތީ މިފަދަ ހާދިސާތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! ޚާއްޞަކޮށް ދެމަފިރިން އެކަކު އަނެކަކަށް އަނިޔާނުކުރާށެވެ! ޙަޔާތުގަ ތިމާގެ ބުރަ އުފުލަންހުރި ބައިވެރިޔާއަށް އަނިޔާވެރިވާ މީހުންނަށް މިފަދަ އަނިޔާތައް ކުރަން ބިރުވެތިވާށެވެ! ކާކުގެ ބުރަ އުފުިލަންޖެހޭނީ ކާކަށްކަން ހަމައެކަކަށްވެސް ޔޤީނެއް ނުކުރެވޭނެއެވެ.
މިއީ ދާދިފަހުން ސްރީލަންކާގައި ހިނގި ކަމެކެވެ.
- ނަސްރީނާ/ މިއަދުނޫހުގެ ކިޔުންތެރިއެއް