ތިބާގެ ބޭރުފުށުގެ ސިފަ ރީތިވެގެން ތިބާއާ ކައިވެނިކުރާ މީހާ ތިބާއާއެކު ގިނަ ދުވަހު ހުންނާނެކަމަށް އުންމީދުނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތިބާގެ ބޭރުފުށުގެ ސިފަ ރީތިވެގެން ތިބާއާ ކައިވެނިކުރާ މީހާ ތިބާއާއެކު ގިނަ ދުވަހު ހުންނާނެކަމަށް އުންމީދުނުކުރާށެވެ!

އެއްވެސް މީހަކު ތިބާގެ ގާތުގައި ތިބާގެ ރީތިކަމަށް ތަޢްރީފްކޮށްފިނަމަ އެއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. ގިނަ ފަަހރު އެވާހަކަ ވެފައި އޮންނާނީ ތިބާ ޝިކާރަކުރަން ޖަހާ ދަންތުރައަކަށެވެ. އަދި ދެމީހުން އެކުގައި ދިރިއުޅުމަށް ބަލައިފިނަމަ އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއްވެސް ނޫނެވެ.  

ފުރަތަމަ ކަމަކަށް ތިބާގެ މޫނާއި ހަށިގަނޑުގެ ރީތިކަމަށް ސަމާލުކަންދޭ މީހަކާއި ކައިވެނިކޮށްފިނަމަ އެހިސާބުން އެވެވެނީ އަޅަކަށެވެ. އެބަނދެވެނީ ވަރަށް ވަރުގަދަ ކަސްތޮޅަކުންނެވެ. އެކަންކަމުން ސަލާމަތެއް ނުވެވޭނެއެވެ.  

ސަބަބަކީ އެމީހާ އަބަދުވެސް ހުންނާނީ ރީތި އެހެން މީހަކަށް ބަލަބަލައެވެ. ވީމާ ދުނިޔޭގައި ތިބި ރީތި އެންމެންނާއި ވާދަކުރަން އެބަޖެހެއެވެ. އެކަމުގެ ނަތީޖާއަކަށް ވަނީ ދިރިއުޅެން ކުރަންޖެހޭ ހުރިހާ ކަމަކަށްވުރެ ރީތިކަން ދަމަހައްޓަން ކުރަންޖެހޭ މަސައްކަތަށް އިސްކަން ދޭންޖެހުމެވެ.  

ދެން އޮތް މައްސަލައަކީ ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ގިނަ ބައެއްގެ ސިފަތަކަށް ދާނީ ބަދަލުއަންނަމުންނެވެ. ވިހެއުމުންވެސް ބަދަލުތައް އަންނާނެއެވެ. ޢުމުރުން ދުވަސްވެލާއިރަށްވެސް ބަދަލުތަކެއް އަންނާނެއެވެ. އެކަންކަން އެގޮތަށް މެދުވެރިނުވެދާނީ ވަރަށް މަދު މީހަކަށެވެ.  

ޒަވާޖީ ޙަޔާތަށް ބައިވެރިއަކު ހޯދާއިރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. ތިބާ އާއި ަކއިވެނިކުރަން ބޭނުންވާ ސަބަބަކީ ތިބާގެ ސިފައިގެ ރީތިކަން ކަމަށް ބުނެ ސިފައަށް ތަޢްރީފްކުރާ މީހުންނާއި ކައިވެނިނުކުރާށެވެ! ސިފަ ބަދަލުވެލާއިރަށް ކުރި ތައްރީފް ނަފްރަތަށް ބަދަލުވާނެތީއެވެ. އެކުގައި އުޅެން ކުރިން ބޭނުންވި ނަމަވެސް އެހިސާބުން ބޭނުންކެނޑިގެންދާނެތީއެވެ.  

ހަމައެފަދައިން އަންހެނުންވެސް މިކަމަށް ސަމާލުކަންދޭންވާނެއެވެ. ފިރިހެނެއްގެ ހުރި ބޭރުފުށުގެ ސިފަ ރީތިވެގެން ކައިވެނިނުކުރާށެވެ. އެސިފަ އިސާހިތަކުވެސް ބަދަލުވެގެން ހިނގައިދާނެއެވެ. ކާމިޔާބު ޒަވާޖީ ޙަޔާތަކަށް އެދޭނަމަ ދެމީހުންވެސް ވިސްނަންވީ ޚުލްޤް ރަނގަޅު ﷲ ތަޢާލާއަށް ބިރުވެތިވާ ދީންވެރިއަކަށެވެ. ކިރިޔާވެސް އުފާވެރިކަމެއް ލިބޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން