ކިތަންމެ ކުޅަދާނަ ސިޙުރުވެރިއަކަށްވެސް ތިބާއާއި ވައިވެސް ނޭޅެވޭނެ މީހަކަށް ވެވިދާނެ މަގު ފެންނަން އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކިތަންމެ ކުޅަދާނަ ސިޙުރުވެރިއަކަށްވެސް ތިބާއާއި ވައިވެސް ނޭޅެވޭނެ މީހަކަށް ވެވިދާނެ މަގު ފެންނަން އެބައޮތް!

ޙަސަދަވެރިން ގިނަވެ ސިހުރު ހައްދުވާ މީހުން މިހައިގިނައިރު އެމީހުންގެ ނުބައިކަމުން ސަލާމަތްވެގެން ހުރެވިދާނެ ގޮތަކާއިބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމަށް އެދިގެން ޢަމަލުކުރަން އޮތް މަގެވެ. ކިތަންމެ ބާރުގަދަ ސިޙުރުވެރިއަކަށްވެސް ތިބާ އާއި ވައިވެސް ނޭޅެވޭނެ މަގެވެ. އިން ޝާ ﷲ 

އަހުރެން އިންޑޮނޭސިއާއަށް ކުރި ދަތުރެއްގައި އެ ޤައުމުގައި މަސައްކަތްކުރާ ރަސިޔާގެ ސިޙުރުވެރިޔަކު ދެއްކި ވާހަކަ އަޑުއެހީމެވެ. އެއީ އަންހެނަކެވެ. އޭނާ އާއި ސުވާލުކުރެވުނެވެ. "ކަލޭ ތިއަކުރާ މަސައްކަތުގައި އަތުލައިގަންނަން ނުވަތަ އެބައެއްގެ މައްޗަށް ބާރު ހިންގަން އެންމެ ބޮޑަށް އުނދަގޫވާ ބައަކީ ކޮބައިހެއްޔެވެ؟ އެފަދަ ބައަކު ވޭހެއްޔެވެ؟" 

ޖަވާބުގައި އޭނާ ބުންޏެވެ. "އެބައެއްގެ މައްޗަށް ބާރުހިންގަން އުނދަގޫވާ ބައަކު ވެއެވެ. އެއީ އިސްލާމް ދީނަށް ޢަމަލުކުރާ މުސްލިމުންނެވެ. އެމީހުން ރައްކައުތެރިކޮށް ޙިމާޔަތްކޮށްދޭނެ ޤުއްބެއް ފަދަ އެއްޗެއް އެމީހުންގެ ވަށައިގެންވެއެވެ." 

ވިސްނާށެވެ! އެހެން އެބުނީ މުސްލިމެއްވެސް ނޫނެވެ. އެކަމަކުވެސް ތެދުބަހުން އޭނާއަށް އެބުނެވުނީ ކަންކަން ހިނގަމުން އަންނަ ގޮތެވެ. އެކަން ހިނގަމުންދާނެވެސް ގޮތްމެއެވެ. 

އަހުރެމެންގެ އަތުގައި ޤުރްއާން އެބައޮތެވެ. އަހުރެމެންނަށް ކިޔެވޭ ހެއްޔެވެ؟ ޢަމަލުކުރެވޭ ހެއްޔެވެ؟ އިސްލާމް ދީނަށް އެބަ ޢަމަލުކުރެވޭ ހެއްޔެވެ؟ 

އިސްލާމް ދީނަށް ޢަމަލުކުރާ މީހާ ފަތިސްނަމާދުކުރާނެއެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އަދި ދެއިރު ކިޔަންހުރި ޛިކުރުތައްވެސް ކިޔާނެތެވެ. އެއީވެސް އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެ ކަމެކެވެ. މީގެ އިތުރުން ފުރިހަމަ ގޮތުގައި އިސްލާމް ދީނަށް ޢަމަލުކުރާ މީހުންގެ ރައްކައުތެރިކަމުގައި މަލާއިކަތުން ތިއްބަވާނެތެވެ. އެފަދަ މީހަކަށް ގެއްލުންދީ ގޯނާކުރެވޭނީ ކާކަށް ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން