މިފަށަނީ ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުންނެވެ.
ބައެއް މުޖުތަމަޢުތަކަށް ބަލައިފިނަމަ ތަނަވަސް މީހުން ގިނައެވެ. އަދި ފުދިގެން މެދުމިނުގައި ދިރިއުޅޭ މީޙުންވެސް ވަރަށް ގިނައެވެ. ނަމަވެސް ބުނަންހެއްޔެވެ؟ ތެދުވެރިން ގިނަ މުޖުތަމަޢުއެއް މިހާރަކު ނެތެވެ. ކޮންމެ މުޖުތަމަޢުއެއްގައިވެސް އެންމެ މަދުވާނީ ތެދުވެރިންނެވެ.
އެހެންކަމަށްވީނަމަވެސް ޙަޔާތުގެ ބައިވެރިއަކަށް ތެދުވެރިއަކު ލިބިއްޖެނަމަ ބަލައިގަނެވެނީ މަދުންނެވެ. ދުވަސްކޮޅެއްވާއިރަށް އޭނާގެ ކިބައިގައި ހުންނަ ކުޑަކުޑަ މައްސަލައެއް ފާހަގަކޮށް އެބަވަކިވެއެވެ. ނުވަތަ އެބަ ދޫކޮށްލައެވެ.
މިއީ ވަރަށް ދެރަ ކަމެކެވެ. ބައިވެރިޔާގެ ކިބައިގައި ހުރުން އެންމެ މުހިންމު ސިފައަކީ ތެދުވެރިކަމެވެ. މަދުވެގެން، ނުލިބިގެން މިއުޅެނީ ތެދުވެރިންނެވެ. ތެދުވެރިކަން ފިޔަވައި އެހެން ހުރިހާ ސިފަތަކެއް ހުރެފައިވެސް ތެދުވެރިކަން ނެތްނަމަ ދިރިއުޅެން ވަރަށް އުނދަގޫވާނެއެވެ. މައްސަލަތައް ޖެހުން ގިނަވާނެއެވެ. ބޭނުންވާ އުފާވެރިކަން އޮންނާނީ ނުލިބިފައެވެ.
އަދިވެސް ކީއްހެއްޔެވެ؟ އިޞްލާޙްކުރަން އެންމެ އުނދަގޫ ސިފައަކަށްވެސް ވެފައި އޮންނަނީ ތެދުވެރިކަން ނެތުމެވެ. މަކަރުވެރިކަމެވެ.
އަހުރެން ބުނާނީ ތެދުވެރި ބައިވެރިއަކު ލިބުމަށްވުރެ ބޮޑު ނަޞީބެއް ނެތެވެ. ކިތަންމެ މަދު އާމްދަނީއެއް ލިބުނަސް ދިރިއުލެން މަސައްކަތްކުރާ ތެދުވެރި ބައިވެރިއަކު ލިބިއްޖެނަމަ ވަކިނުވާށެވެ! ދޫކޮށްނުލާށެވެ! ދެން ހުންނަ އުނިކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. އެހެންވެ ބުއްދިވެރިއަކު ނަމަ ބަލާނީ ބައިވެރިޔާގެ ތަނަވަސްކަމަކަށް ނޫނެވެ. ރީތިކަމަކަށްވެސް ނޫނެވެ. މުރާލިކަމަށާއި އޭނާގެ ކިބައިގައި ހުންނަ ތެދުވެރިކަމަށެވެ.
މިއީ ތަޖުރިބާކާރު ޢިލްމްވެރިއަކު ވިދާޅުވެފައިވާ ބަސްކޮޅެކެވެ. ވިސްނާލަން އޮތްކަމަކީ ފުރަތަމަ ކަމަކީ ދީންވެރިކަން ކަމެވެ. ދީންވެރިއަކުނަމަ ތެދުވެރިވާނެއެވެ. ވަފާތެރިވެސްވާނެއެވެ. ވީމާ ދީނަށް ޢަމަލުކުރުން އެއީ ފުރަތަމަ ކަންތައް ކަމުގައި ހަދާށެވެ! ދެވަނަ ކަމަކަށް އިޤްޠިޞާދުކުރާ އަންތބަކު ކަމުގައިވުން ނަގާށެވެ! ދިރިއުޅުން ކުރިއެރުމުގެ އެންމެ ބޮޑު ބާރަކީ އަނބިމީހާއަކީ އިޤްޠިޞޯދުކުރާ އަންތބަކުކަމުގައިވުން ކަމަށްވާތީއެވެ.
ވީމާ އެފަދަ އަންތބަކު ލިބިއްޖެނަމަ އޭނާގެ ކިބައިގައި ދެންހުންނަ އުނިސިފަތަކަށް ވިސްނާނެ ކަމެއްވެސް ނެތެވެ! އޮތީ އެކުގައި ގެންގުޅެން މަސައްކަތްކުރުމެވެ. ޢުމުރަށް އެކުގައި އުޅެން މަސައްކަތްކުރުމެވެ.