ޒުވާބު ހޫނުވެ ވަރިއާދިމާއަށް ދެވޭ 90 އިންސައްތަ ފަހަރު މައްސަލަ ފިނިވެ ވަރިން ސަލާމަތްވެވޭ ކުޑަކުޑަ އުކުޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ޒުވާބު ހޫނުވެ ވަރިއާދިމާއަށް ދެވޭ 90 އިންސައްތަ ފަހަރު މައްސަލަ ފިނިވެ ވަރިން ސަލާމަތްވެވޭ ކުޑަކުޑަ އުކުޅެއް!

ޝައިޠޯނާ ފުރަތަމަ މަސައްކަތްކުރާނީ ކޮންމެވެސް ގޮތަކުން މައްސަލައެއް އުފައްދުވައިގެންވެސް ދެމަފިރިންގެ މެދުގައި ދުބަސްވުމެއް ނުވަތަ ޒުވާބެއް ފެށްޓުވޭތޯއެވެ. އެކަން ކާމިޔާބުކުރެވިއްޖެނަމަ ދެން ަމސައްކަތްކުރާނީ އެޒުވާބު ހޫނުކުރެވޭތޯއެވެ. އެކަން ކާމިޔާބުވެއްޖެނަމަ ދެން މަސައްކަތްކުރާނީ ދެމަފިރިން ވަރިކުރުވޭތޯއެވެ.  

މިޙާލަތުގައި ބުއްދީގެ ބޭނުން ރަނގަޅުގޮތުގައި ހިފައިފިނަމަ ކައިވެނި ސަލާމަތްކުރެވުމުގެ ފުރުޞަތު 90 އިންސައްތައަށް ބޮޑުވެގެންދެއެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ!  

ވަރިކުރުމުގެ މައްސަލަ ނުވަތަ ވަރިއަށް އެދުމުގެ މައްސަލަ ކުރިމަތިވަނީ ކުއްލިއަކަށް ނޫނެވެ. ޢާންމު ގޮތެއްގައި ވަރީގެ މައްސަލަ ކުރިމަތިވާނީ ނުވަތަ އެޙާލަތަށް ކަންކަން ދާނީ ފާރުގަނޑު ފަސޭހަނުވެ ވަރަށް ގިނަ ދުވަހު ހުރުމަށްފަހުގައެވެ. ފާރުގަނޑު ހިކޭތޯ ބޭސް އަޅާއަޅައިވެސް ފަސޭހަނުވުމުންނެވެ. 

އެއްވެސް މީހަކު ފާރުގަނޑު ފަސޭހަނުވެ ހުރެ ގިނަދުވަސްވެ ކެންސަރަށް ބަދަލުވެ ކެންސަރު ޖެހޭކަށް ބޭނުމެއް ނުވާނެއެވެ. ގުނަވަނެއް ބުރިކޮށްލައިގެން ނަމަވެސް ކެންސަރުޖެހުމުން ސަލާމަތްވާން ބޭނުންވާނެއެވެ.  

ކޮންމެއަކަސް ވަރަށް ގިނަ ފަހަރު ވަރިން ސަލާމަތްވެވޭ ވަރަށް ކުޑަކުޑަ ކަމެއް ބުނެލާނަމެވެ. ދެބަސްވެ ޒުވާބުކުރަމުން ގޮސް އެންމެ ހޫނުވުމުން އިހަށް ވަރީގެ ވާހަކަ ނުދައްކައި އިރުކޮޅަކަށް މަޑުކޮށްލާށެވެ! ދެމީހުން އެކުގައި ބައިގަޑިއެއްހައި އިރުގެ ބްރޭކެއް ނަގާށެވެ. އެވަޤުތު ތަނެއްގައި ހަމަޖެހިލައިގެން އިނދެ ހަށިގަނޑަށް ފިނިކަން ލިބޭނެ ބުއިމެއް ބޭނުންކޮށް ހަށިގަނޑު ފިނިކޮށްލާށެވެ! އެވަޤުތުކޮޅުގައި ޖެހިގެން އުޅޭ މައްސަލައިގެ ވާހަކަ އެއްގޮތަކަށްވެސް ނުދައްކައި ވިސްނައިލާށެވެ. ވަރިވުމަކީ ނުވަތަ ވަރިކުރުމަކީ ތިމާއަށް ހަމަ އެންމެ ފައިދާހުރި ގޮތް ކަމާއިމެދު ވިސްނައިލާށެވެ. އަވަސްވެ ނުގަންނާށެވެ! މަދުވެގެން 30 މިނިޓް ހަމަކުރާށެވެ.  

އެންމެންނަށް އެއްގޮތަކަށް ކަންކަން މެދުވެރިވާނެ ކަމަށް ބުނާކަށް ނެތީމެވެ. މިބުނި ގޮތަށް ކަންކަން ކުރުމުން ހުރިހާ އެންމެންގެ މައްސަލަ ޙައްލުވާނެ ކަމަކަށްވެސް ނުބުނަމެވެ. ނަމަވެސް ވަރަށް ކެރިހުރެގެން ބުނަމެވެ. 90 އިންސައްތަ ފަހަރު ވަނީ މައްސަލަ ހައްލުކުރެވިފައެވެ. ވަރަށް ކެރިހުރެގެން ބުނަމެވެ. 70 އިން ސައްތަ ދެމަފިރިން ވަނީ 30 މިނިޓް މިމަގުން މަސައްކަތްކޮށްފައި ތެދުވެ އަލުން ލޯބިން އޮޅުލައިގެންފައެވެ.  

އެއީ ކޮންމެހެން މާޒީ ހިތުން ފުހެވިގެން ގޮސްގެނެއް ނޫނެވެ. އެންމެ ރަނގަޅު ޙައްލަކީ ވަރި ނޫން ކަމާއި މައްސަލަ ހައްލުކޮށްގެން އަދިވެސް އެކުގައި ދިރިއުޅެވިދާނެކަމާއި އެއިރުން ކުރާނެ ފައިދާ މާބޮޑުވާނެކަން ވިސްނިގެންނެވެ.  

މިއީ އަހުރެންގެ ގާތަށް ލަފާހޯދަން އަންނަ މީހުންނަށް މިކަން ވިސްނައިދިނުމުން ތަޖުރިބާކޮށްފައި ފަހުން ކިޔައިދޭ ވާހަކަތަކުން އަހުރެންނަށް އެނގިފައިވާ ކަމެކެވެ. މިބުނި ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ނިކަން ތަޖުރިބާކޮށްލައިބަލާށެވެ!  

މިއީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށްދޭން އެހީތެރިވެދޭ ތަޖުރިބާ ކާރަކު ބުނެފައިވާ ބަސްކޮޅެކެވެ. މިއީ ހަމަ ވަރަށް ރަނގަޅު ފޯމިޔުލާއެއް ކަމަށް ޤަބޫލުކުރެވޭތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން  

މިއަދު އޮންލައިން