ބޭނުންވާ ކަންކަމަށް އެދި ހަމައެކަނި ދުޢާކުރުމަކުން ނުފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ބޭނުންވާ ކަންކަމަށް އެދި ހަމައެކަނި ދުޢާކުރުމަކުން ނުފުދޭނެ!

ކަމަކަށް ބޭނުންވުމުން އެކަމަކަށް އެދިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަންޖެހެއެވެ. އަދި އެއީ އެންމެ ފުރަތަމަވެސް ކުރަން އޮތް ކަންތަކެވެ. ގިނަ ބައަކަށް ނުވިސްނެނީ ދުޢާކުރުމާއިއެކު ތިމާއުފުލަންޖެހޭ މަސްއޫލިއްޔަތުތަކެއްވެސް އެބަހުރިކަމެވެ.  

ފަރުޟް 5 ނަމާދާއި ރަވާތިބް ސުންނަތްތަކާއި އަދި ތަހައްޖުދް ނަމާދުވެސް ކޮށް އެމީހުން ބޭނުންވާ ކަންކަމަށް އެދި ދުޢާކުރާ ބައަކު އުޅެއެވެ. އެކަމަކު ދުޢާކުރުން ނޫން އެހެން ކަމެއް އެމީހުން ނުކުރެއެވެ. އެމީހުން ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލަކުރަން އެމީހުން ކުރަންޖެހޭ މަސައްކަތެއް އެމީހުން ނުކުރެއެވެ. 

ދެން މިބުނަނީ ތިމަންނާ މިހައި ގިނަ އަޅުކަންކޮށް ދުޢާކުރުމުންވެސް ތިމަންނާ ކުރި ދުޢާ ޢިޖާބަ ނުކުރެއްވެވި ކަމަށެވެ. މިއީ ބުނެވޭ ވަރަށް ކުށް ބަހެކެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާ ވަނީ އަހުރެމެންނަށް ވިސްނުން ދެއްވަވައިފައެވެ. ކަންކަން ކުރަން ދެއަތާއި އެހެން ގުނަވަންތައްވެސް ދެއްވަވައިފައެވެ. ހިނގާފައި ތަންތަނަށް ދާން ދެ ފައިވެސް ދެއްވަވައިފައެވެ. ބޭނުންވާ ކަންކަމަށް މަގުފަހިކުރަން މީހުންނާއި ވާހަކަދައްކަން އަނގައާއި ދޫވެސް ދެއްވަވައިފައެވެ. އެނިޢުމަތްތަކުގެ ބޭނުން ނުހިފައި ތިމާ މިހުރީ ﷲ ތަޢާލާއަށް ވަކީލުކޮށްގެން ކަމަކަށް ނުބުނެވޭނެއެވެ. ހަމައެކަނި ދުޢާކުރުމުން އެކަން އެވަނީ ތަވާކުލްކުރުމަށެވެ. އެއީ ﷲ ތަޢާލާ އެކަން ކުރަން އަންގަވާފައިވާ ގޮތެއް ނޫނެވެ. 

މީސްތަކުންނޭވެ! މިމޭރުމުން ވަރަށް ގިނައިން ވާހަކަދެއްކެއެވެ. ދެއްކެނީ ތަވާކުލް ކުރުމާއި ތަވައްކުލްކުރުމުގެ ތަފާތު ނުއެނގިގެން އުޅޭ މީހުން ގިނަކަމުންނެވެ. ﷲ ތަޢާލާއަށް ވަކީލްކުރުމުގެ ކުރިން ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރާ މީހުން ގިނަވާތީއެވެ. 

ނިންމާލުމުގެ ކުރިން ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. މަސްވެރިއަކު އޭނާއަށް ރިޒުޤް ދެއްވެވުން އެދި ދުޢާކުރަނީއެވެ. އެކަމަކު ދޮށި ނޫނީ ނަނު ހިފައިގެން މަސްބާނާކަށް ނުދެއެވެ. އެހެންވިއްޔާ އޭނާ އެ އުންމީދުކުރަނީ އޭނާގެ ގެއަށް މަސްތައް އައިސް ވަނުމަށް ހެއްޔެވެ؟ އެއީ ކިހިނަކުން ވާނެކަމެއް ހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން