ޅ. ހިންނަވަރުގައި ސަރުކާރުން ގާއިމުކުރައްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
މި ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ސެންޓަރަކީ ރައްޔިތުންގެ ހަށިހެޔޮކަމާއި ކުޅިވަރުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދެއްވާ މަޝްރޫޢެކެވެ.
މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމުގެ އިތުރުން ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން އަދި އެ ރަށު ކައުންސިލްގެ ރައީސެވެ. މި ފަރާތްތަކުން ވަނީ މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ފަދަ ސެންޓަރުތައް ގާއިމުކުރުމަކީ ރަށްރަށުގެ ޒުވާނުންނަށް ބޭނުންވާ ތަފާތު ކުޅިވަރުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.