ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 44.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1813 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 474 މީޓަރުގެ ގްރޮއިން ޖެހުމާއި، 803 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. މިއީ 679.03 މިލިއަން ރުފިޔާއަށް، 630 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީ (MTCC) އާ ޙަވާލުކޮށްފައިވާ ބޮޑު މަޝްރޫޢެކެވެ.

6000 މީހުންގެ އާބާދީއެއް އޮންނަ ނައިފަރު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ހިއްކޭ ބިމުން ރަށު ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މަސައްކަތް ހަވާލުކުރެވުނު ކުންފުނި، އެމްޓީސީސީން ޤަބޫލުކުރާ ގޮތުގައި މިކަމުގެ ސަބަބުން ރަށަށް އިޖްތިމާޢީގޮތުންނާއި އަދި އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް އަންނާނެއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ނައިފަރު ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޓީސީސީ އަކީ 1980 ވަނަ އަހަރު އުފެދުނު ފަހުން 44 އަހަރު ތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ދަނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މިއަދު އޮންލައިން