ނައިފަރުގައި ފުލުހުންގެ އެކޮމޮޑޭޝަން ބުލޮކްގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ނައިފަރުގައި ފުލުހުންގެ އެކޮމޮޑޭޝަން ބުލޮކްގެ އަމަލީ މަސައްކަތް ފަށައިފި

ޅ. ނައިފަރުގައި އަޅާ ފުލުހުންގެ އެކޮމޮޑޭޝަން ބުލޮކްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނައިފަރަށް ކުރެއްވި ދަތުރުފުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ނައިފަރުގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރާއި ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.

ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 63 ރަަށެއްގައި އެކަމުގެ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އަދި 36 ރަށެއްގައި މަސައްކަތް ފެށުމަށް ތައްޔާރުވެފަވާއިރު ޖުމުލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މި ދައުރު ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އިމާރާތުން ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

އަލަށް އިމާރާތްކުރާ ފުލުހުންގެ ސްޓޭޝަންތަކުގައި ތަޙުޤީޤުކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީއާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރެވޭނެއެވެ. އަދި މި ފެސިލިޓީތައް ރަށްރަށުގައި ޤާއިމުކުރެވުމާއެކު ކުށުގެ ވެށި ނައްތާލުމަށާއި ކުށުގެ ވެށީގައި މީހުން ހަރުނުލާނެ ގޮތްގޮތަށް ފުލުހުންގެ މަސައްކަތް ތަރުތީބުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން