އޭޓީއެމްތައް މެދުވެރިކޮށް 230،000 މުޢާމަލާތް ކުރެވިފައިވާއިރު، ޖުމްލަ 203 މިލިޔަން ރުފިޔާ އޭޓީއެމްތަކަށް ޖަމާކުރެވިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމުގެ ސަބަބުން އިޤްތިޞާދީ ގޮތުން މުހިންމު ކުރިއެރުންތަކެއް ފެނިފައިވާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި މުޢާމަލާތްތަކުގެ ތެރެއިން 203 މިލިޔަން ރުފިޔާ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަނުމަކީ މާލީ ދުވެލި ރަނގަޅުވުމަށް ލިބުނު ބާރެއް ކަމަށެވެ. މިއީ ރަށްރަށުގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ ސަބަބުން އިޤްތިޞާދަށް ކުރާ ހެޔޮ އަސަރު ދައްކުވައިދޭ މުހިންމު ނިޝާނެކެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، 2024 ވަނަ އަހަރުގެ ކުރިން އޭޓީއެމް ބެހެއްޓިފައިވަނީ 72 ރަށެއްގައި ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ މަސައްކަތްތަކުގެ ދަށުން 2024 ވަނަ އަހަރު އިތުރު 9 ރަށެއްގައި އޭޓީއެމްތައް ބެހެއްޓިފައިވާ ކަމަށާއި، އަދި މިހާތަނަށް 130 ރަށެއްގައި އޭޓީއެމްތައް ބެހެއްޓި 180 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. "މިއާއެކު އޭޓީއެމްގެ ޚިދުމަތް ނުލިބޭ މިހާރު އިނީ އެންމެ 2 ރަށް." ވަޒީރު ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މިދިޔަ އަހަރު ނޮވެންބަރު މަހު "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" ގެ ނަމުގައި ޚާއްސަ މަޝްރޫޢެއް ފަށްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ގިނަ ރަށްރަށަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.