މިދިޔަ ސަރުކާރުން 125.2 ބިލިޔަން ރުފިޔާއިން ދަރަނި ނެގިއިރު، އެއިން އާމްދަނީ ލިބޭނެ އެއްވެސްކަމަކަށް އިންވެސްޓްކޮށްފައި ނުވޭ: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
މިދިޔަ ސަރުކާރުން 125.2 ބިލިޔަން ރުފިޔާއިން ދަރަނި ނެގިއިރު، އެއިން އާމްދަނީ ލިބޭނެ އެއްވެސްކަމަކަށް އިންވެސްޓްކޮށްފައި ނުވޭ: ވަޒީރު ސައީދު

ނިމިދިޔަ ސަރުކާރުން 125.2 ބިލިޔަން ރުފިޔާއިން ދަރަނި ނެގިއިރު، އެ ފައިސާއިން އާމްދަނީ ލިބޭނެ އެއްވެސްކަމަކަށް އިންވެސްޓްކޮށްފައި ނުވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ސައީދު ވިދާޅުވީ، އެ ދަރަނިން ޚަރަދުކޮށްފައި ހުރީ ޚަރަދުތައް ނުވަތަ ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަށް ކަމަށެވެ. މިއީ ރަނގަޅު ގޮތެއް ނޫންކަމަށް އޭރު އިދިކޮޅު ޕާޓީގެ ގޮތުގައި ތިބެގެން ސަރުކާރަށް ނަސޭހަތްތެރިވި ނަމަވެސް، އެކަން ކުރަމުން ގެންދިޔަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، "ނިމިދިޔަ ސަރުކާރުން މާލޭގެ ސްކޫލެއް ހުރިއްޔާ ހުރީ ރަހުނުކޮށްފައި. އޮލިމްޕަސް ރަހުނުކޮށްފައި. އިސްކަންދަރު ސްކޫލް ރަހުނުކޮށްގެން ލޯނު ނަގާފައި. ފައިސާ ޗާޕުކުރީވެސް ޤާނޫނު ތަޅުލައިގެން. އެކަމަކު އާމްދަނީ ބައި ރުފިޔާ ލިބޭނެ ކަމެއްވެސް ކޮށްފައި ނެތް." އެމްޑީޕީގެ ސަރުކާރުން ޖުމްލަ 8 ބިލިޔަން ރުފިޔާ ޗާޕުކުރި ކަމަށާއި، އެކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ވަޒީރު އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން، ވަޒީރު ސައީދު ވަނީ ރާއްޖޭގެ އިޤުތިޞާދުގައި އާ ދާއިރާތައް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ބަންކަރިންގެ ޚިދުމަތް ފުޅާކުރުމުގެ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ފަތުރުވެރިކަން ފެށުނު އިރުވެސް އެ ސިނާއަތް މިހާ ހިސާބަށް ކުރިއަރާނެ ކަމާމެދު ސުވާލު އުފެދުނު ފަދައިން، ބަންކަރިންގެ ޚިދުމަތާމެދުވެސް ސުވާލު އުފެދިދާނެ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާވެ ތަރައްގީވެގެންދާނެ ކަމުގެ އުއްމީދު އެބަހުރި ކަމަށް ސައީދު ވިދާޅުވިއެވެ.

ވަޒީރު ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހާ ހަމައަށް ބަންކަރިންގެ ޚިދުމަތް މެދުވެރިކޮށް 192 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން 17 މިލިއަނަށްވުރެ ގިނަ ޓެކްސް ލިބިފައިވާއިރު، ލިބުނު އާމްދަނީގެ 83 އިންސައްތައަކީ 'ލޯ ސެލްފަ ފިއުލް' ވިއްކައިގެން ލިބުނު ފައިސާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ބަންކާކުރި އެއްޗެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ޖުމްލަ ގޮތެއްގައި ބަންކަރިންގެ ޚިދުމަތުގެ ތެރެއިން އަހަރެއްގެ މައްޗަށް 400 މިލިއަނެއްހާ ރުފިޔާ ރާއްޖޭގެ އިޤުތިޞާދުގެ ތެރެއަށް ވެއްދޭނެ ކަމަށް ވަޒީރު ލަފާކުރައްވައެވެ.

މިއަދު އޮންލައިން