ކ. ކާށިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވައި، ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރާއި، ދާއިރާގެ މެންބަރު އަދި ކައުންސިލް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިން ކުންފުނި ކަމަށްވާ އެމްޓީސީސީއާއެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި، މި އައު އިމާރާތުގެ މަސައްކަތް ނިމުމުން ކާށިދޫ ޞިއްޙީ މަރުކަޒަށް މިހާރު ދިމާވެފައިވާ ޖާގައިގެ މައްސަލަ މުޅިން ހައްލުވެގެންދާނެއެވެ. އަދި 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ މި މަރުކަޒުން ރައްޔިތުންނަށް ދެވޭނެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ކާށިދޫގެ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ޞިއްޙީ ޚިދުމަތްތައް ހޯދުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.