ތަނަކުން ނުކިޔެވިޔަސް ރާއްޖެއިން ބޭރުގައި އަހަރުތަކެއްވަން އުޅެވުނީމާ ޕޮލިޓިކަލް ސައިްނސުން ޓްރިޕަލް ޕީއެޗްޑީ ލިބިގެން ހުރި މީހާ ފަދަ އެމްޑީޕީގެ އެތައް ބައަކު ބުނަމުން އަންނަނީ އޭޓީއެމްތައް ބެހެއްޓިނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށެވެ. މުޢާމަލާތުކުރާނެ ފައިސާ ރާއްޖެތެރޭގެ މީހުންގެ އަތުގައި ނެތްކަމަށެވެ.
އިޤްޠިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މަޖިލިހުގައި މިއަދު ވިދާޅުވީ "އަތޮޅުތެރޭގެ އޭޓީއެމްތަކުން ދުވާލަކު 9،300 މުޢާމަލާތްކުރެވޭ ކަމަށާއި، ދައުރުވާ ފައިސާގެ އަދަދު 25.7 މިލިޔަނަށް އަރާ" ކަމަށެވެ. އެހެންވީމާ މިމުޢާމަލާތްތައް މިކުރަނީ ކޮންބައެއްކަން ބަލަން މިއޮތީޖެހިފައެވެ. އެއީ އެރަށްރަށުގެ ރައްޔިތުންތޯ ރަށުގައި އުޅޭ ގެސްޓުންތޯ ނޫނީ ޖިންނި ޝައިޠޯނުންތޯ މިއޮތީ ބަލަންޖެހިފައެވެ. ހަމަޤައިމުވެސް ޔަޤީން ކުރެވޭ ކަމަކީ ހަމަ އެކަނި އޭޓީއެމުން މުޢާމަލާތުކޮސްލާހިތުން ރާއްޖެއިން ބޭރުން ބައަކު ނުއަންނާނެ ކަމެވެ. އަދި ރާއްއަށް ޒިޔާރަތްކުރާ ގެސްޓުންނަކީ ކުޅިވަރަކަށް ހަދައިގެން އޭޓީއެމުން މުޢާމަލާތުކުރާ ބައެއް ނޫން ކަމެވެ.
ވެރިކަމުގައި ތިމާމެން ތިބިއިރު ރައްޔިތުންނަށް ކޮށްނުދިން އެތައް ކަމެއް އެކަމަކު ރައްޔިތުންނަށް އިންތިހާއަށް ބޭނުން ބޮޑުވެފައި އޮތް އެތައްކަމެއް މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދީ ފުރިހަމަކޮށްދެމުން ގެންދާތީ ރައްޔިތުން ތިބީ ހިނިތުންވެގެންނެވެ. ދަނީވެސް އިތުރަށް ހިނިތުންވަމުންނެވެ.
އުމުރުން ދުވަސްވާ މީހުންގެ ފައިސާއި ސަރުކާރުން ދޭ އެކިއެކި ޢިނާޔަތްތަކުގެ ފައިސާ އެމީހުންގެ އެކައުންޓްތަކަށް ޖަމާވާ މީހުން ނެތް ރަށެއް އެބައޮތްބާވައެވެ؟ އެމީހުން އެފައިސާ ނަގަން ކުރަންޖެހުނު ދަތުރުތައް ކުރަންނުޖެހި ރަށުގައި ތިބގެގެން ފައިސާ ނެގޭތީ އެއެންމެން މިއަދު ތިބީ ވަރަށް އުފަލުންނެވެ. ހަމަ އެއާއިއކު ރަށުން ބޭރުގައި ވަޒީފާ އަދާކުރާ އެތައް ހާސް ބައެއްގެ ޢާއިލާތައްވެސް އުފުލުން ފުރިގެންނެވެ.
މިޙަޤީޤަތްތައް ރައްޔިތުންނަށް އޮޅުވައިލެވޭނެކަމަށް ވިސްނާކަން އަންގައިދެނީ އެބައެއްގެ ކިބައިގައި ތެދުވެރިކަމެއް ނެތްކަމާއި ބޭނުންވަނީ ވީހާގިނަ ދޮގުހަދަންކަމެވެ. ރައްޔިތުންގެ ހޭލުންތެރިކަން މިއަދު މާބޮޑުކަންވެސް ނުވިސްނެނީއެވެ.
ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ " "2024ގެ ކުރިން އޭޓީއެމް ބެހެއްޓިފައިވަނީ 72 ރަށެއްގައި. 2024ގަ އިތުރު 9 ރަށެއްގައި އޭޓީއެމްތައް ބެހެއްޓިފައިވާއިރު، މިއަހަރުގެ މިހާތަނަށް 130 ރަށެއްގައި އޭޓީއެމްތައް ބެހެއްްޓި 180 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށާފަ. މިއާއެކު އޭޓީއެމްގެ ޚިދުމަތް ނުލިބޭ މިހާރު އިނީ އެންމެ 2 ރަށް." ކަމަށެވެ.