އެމްއޭސީއެލްއާ ހަވާލުކޮށް ކާށިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެމްއޭސީއެލްއާ ހަވާލުކޮށް ކާށިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި

ކ. ކާށިދޫގައި ސަރުކާރުން ގާއިމުކުރައްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކުރެވިފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.

މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ކާށިދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު މުންތަޡިމް އިބްރާހީމް އަދި އެ ރަށު ކައުންސިލްގެ ރައީސެވެ. މި މަޝްރޫޢަކީ ރަށުގެ ޒުވާނުންނާއި ރައްޔިތުންނަށް ހަށިހެޔޮކަމުގެ ވަސީލަތްތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢެކެވެ.

މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކޮށް ނިމޭއިރު، ރައްޔިތުންނަށް އެތަނުން ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. އެގޮތުން، އިންޑޯ ޖިމަކާއި، އެރޮބިކްސް ކުޅޭނެ ވަސީލަތްތަކާއި، އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް މި ސެންޓަރުގައި ގާއިމުކުރެވޭނެއެވެ. މިކަމުގެ ސަބަބުން ކާށިދޫގެ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން