ކާށިދޫގައި ކުނި މެނޭޖްކުރުމަށް ހާއްސަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކާށިދޫގައި ކުނި މެނޭޖްކުރުމަށް ހާއްސަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފި

ކ. ކާށިދޫގައި ކުނި މެނޭޖްކުރުމަށް ހާއްސަ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ރަސްމީކޮށް ހަވާލުކޮށް، އެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ރަށު ފެންވަރުގައި ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުންނެވެ.

މި ސެންޓަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅު މީހުން ދިރިއުޅޭ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ދިއްފުށީގައެވެ.

ދިއްފުށީގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ކާށިދޫގެ ކުނި މެނޭޖްކުރާ ހާއްސަ ސެންޓަރުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލްގެ އިތުރުން، އެ ދާއިރާގެ މެމްބަރާއި ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކާށިދޫގައި މި ސެންޓަރު ޤާއިމްކުރުމަކީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން