ޢިމާރާތްކުރުމުގެ ދާއިރާއަށް 11 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޢިމާރާތްކުރުމުގެ ދާއިރާއަށް 11 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދާއިރާއެއްކަމަށްވާ ޢިމާރާތްކުރުމުގެ ދާއިރާއަށް މިދިޔަ އަހަރާ އަޅާބަލާއިރު 11 އިންސައްތައަށްވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޝާއިޢުކޮށްފައިވާ އިކޮނޮމިކް ބުލެޓިންއިން ހާމަވެއްޖެއެވެ.

މި ކުރިއެރުމާއެކު ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިޤްތިޞާދު ވަނީ ޖުމްލަ 2.5 އިންސައްތައަށް ކުރިއަރާފައެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް ވަނީ 11.3 އިންސައްތައިގެ ކުރިއެރުމެއް އައިސްފައެވެ. މިއީ މި ދާއިރާގައި ހިމެނޭ ރިއަލް އެސްޓޭޓު ވިޔަފާރީގެ ދާއިރާއަށްވެސް ހެޔޮ ބަދަލުތަކެއް އައިސް ކުރިއެރުން ލިބިފައިވާކަމަށް އެމްއެމްއޭއިން ފާހަގަކުރާ ކަމެކެވެ.

ޢިމާރާތްކުރުމުގެ ދާއިރާ ކުރިއެރުމާއެކު، ރާއްޖެއަށް ޢިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށްކޮށްފައިވާ ހޭދަވެސް ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 11 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮމަރޝަލް ބޭންކުތަކުގެ ދައުރުވެސް ވަނީ އިތުރުވެފައެވެ. ރިޕޯޓްގައިވާ ގޮތުން، ކޮމަރޝަލް ބޭންކުތަކުން ޢިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރި ލޯންގެ އަދަދު ވަނީ 2 އިންސައްތަ އިތުރުވެފައެވެ.

އެމްއެމްއޭއިން ފާހަގަކުރާ ގޮތުގައި، ލޯން ދިން މިންވަރު ކުރިއަރާފައިވަނީ ގެދޮރު ހެދުމާއި، ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ދޭ ލޯންތައް އިތުރުވުމުގެ ސަބަބުންނެވެ. އަދި މީގެ އިތުރުން، ރިސޯޓުތައް މަރާމާތުކުރުމަށާއި ކޮމާޝަލް އިމާރާތްތައް އެޅުމަށް ދިން ލޯންތައް އިތުރުވުންވެސް މި ކުރިއެރުމަށް މަގުފަހިކޮށްފައިވެއެވެ. މި ކުރިއެރުންތަކުން ދައްކުވައިދެނީ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ހަލުވިވެ، އުމްރާނީ ތަރައްޤީއަށް ދެމުންދާ ސަމާލުކަން އިތުރުވެފައިވާ މިންވަރެވެ.

މިއަދު އޮންލައިން