ކ. ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ބޮޑު ޖަލްސާއެއްގައެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، ޑރ. ޢަބްދުالله މުއްޠަލިބެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 22.97 ހެކްޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 710 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 670 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި މިހާރު ޖަހާފައި ހުރި ގްރޮއިންއަށް 270 މީޓަރު އިތުރުކުރުމާއި، މިހާރު ޖަހާފައި ހުރި ރިވެޓްމެންޓްގެ 300 މީޓަރު މަރާމާތު ކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މި މަޝްރޫޢަކީ 157.33 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ދިއްފުށީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިއްފުށީގައި ދިރިއުޅޭ 1400 މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މިއަދު ޢަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، ހިއްކާ ބިމުން ރަށު ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރަށަށް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް އަންނާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މި ކުންފުނިން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.