އެފްޑީސީއާ ހަވާލުކޮށް ދިއްފުށީ ސުކޫލަށް ކުލާސް ރޫމް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
އެފްޑީސީއާ ހަވާލުކޮށް ދިއްފުށީ ސުކޫލަށް ކުލާސް ރޫމް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

ކ. ދިއްފުށީ ސުކޫލަށް ކުލާސް ރޫމް އިތުރުކޮށް، ގިނަ ޙިދުމަތްތަކެއް ޤާއިމްކުރުމުގެ މަސައްކަތް ފެންޑަރ ކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށް، އެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ދިއްފުށީ ސުކޫލަށް މަލްޓިޕާރޕަސް ހޯލަކާއި، ހަތަރު ކުލާސްރޫމާއި، ސައިންސް ލެބަކާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ (ސެން) ކުލާސްރޫމެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ ޢަމަލީ ފެށުން ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ރައީސް މުޢިއްޒު ވަނީ ދިއްފުއްޓަށް ކުރެއްވި މި ޒިޔާރަތުގައި، މަލްޓިޕާރޕަސް ހޯލާއި ކުލާސްރޫމްތައް އިތުރުކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައެވެ.

މި ތަރައްޤީގެ މަސައްކަތުގެ ޢަމަލީ ފެށުން އިފްތިތާޙްކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ. މި ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އާއި، އެ ދާއިރާގެ މެންބަރުންގެ އިތުރުން ދިއްފުށީ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ ދިއްފުށީ ސުކޫލުގެ ކިޔެވުމުގެ މާހައުލު ފުޅާކޮށް، ދަރިވަރުންނަށް އިތުރު ފަސޭހަތަކާއި ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މަސައްކަތް ނިމުމުން ދިއްފުށީ ސުކޫލުގެ ޖާގައިގެ ދަތިކަން ޙައްލުވެ، ދަރިވަރުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު ތަޢުލީމު ޙާސިލްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ޚާއްސަކޮށް ސައިންސް ލެބާއި ސެން ކުލާސްރޫމް ޤާއިމްކުރުމަކީ، އެ ސުކޫލުގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް އެޅޭނެ މުހިންމު ބިންގަލެކެވެ.

މިއަދު އޮންލައިން