ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި މަސައްކަތަކީ ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި ބޭނުންވާނެ ކަރަންޓުގެ ޑިމާންޑަށް ޖަވާބުދިނުމަށް ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.
ތުލުސްދޫގައި ސްޓެލްކޯއިން ޤާއިމް ކުރާ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަރަމަންޓްގެ ސްޓޭޓް މިނިސްޓަރު ޠާރިޤް އިބްރާހިމްއެވެ. މި މަޝްރޫޢުގެ ދަށުން އައު އިންޖީނުގޭގެ އިތުރުން ކަސްޓަމަރ ސަރވިސް ބިލްޑިންގއަކާއި، އިންފާރެއް ވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ސަންވިލް ޕްރައިވެޓް ލިމިޓެޑް ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ. މަސައްކަތުގެ އަގަކީ 11،954،501.00 ދިވެހި ރުފިޔާއެވެ. މަސައްކަތް ފެށުމަށް ތާވަލުކުރެވިފައިވަނީ 06 އޮކްޓޫބަރު 2025 ގައެވެ. އަދި މި މަސައްކަތް ނިންމުމަށް ތާވަލުކުރެވިފައިވާ ތާރީޚަކީ 30 މާރިޗު 2026 އެވެ.
މި އައު އިންޖީނުގޭގެ މަސައްކަތް ނިމުމުން، ތުލުސްދޫގެ ރައްޔިތުންނަށް އިތުރަށް ހަރުދަނާ އަދި ޔަޤީންކަން ބޮޑު ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، އައު ކަސްޓަމަރ ސަރވިސް ބިލްޑިންގއާއެކު، ރައްޔިތުންނަށް ސްޓެލްކޯގެ ޚިދުމަތްތައް ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.