ކ. ތުލުސްދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ތުލުސްދޫގައި ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް ޢަލީ އިޙުސާންއެވެ. ތުލުސްދޫގެ ރައްޔިތުންނަށް އަމާންކަން ކަށަވަރުކޮށްދިނުމަށް ފަށާފައިވާ މި މަޝްރޫޢަކީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މި ޕޮލިސް ސްޓޭޝަންގެ މަސައްކަތުގެ ދަށުން، ވަށައިފާރު ރޭނުމުގެ އިތުރުން އޮފީސް އިމާރާތަކާއި، ގައިދީން ބައިތިއްބާނެ ތަނެއް (ޑިޓެންޝަން ފެސިލިޓީ) އަދި ގަރާޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. ޖުމްލަ 38.91 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢު ނިމުމުން ތުލުސްދޫގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެއެވެ.
މި މުހިންމު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ތުލުސްދޫ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
1680 މީހުންގެ އާބާދީއެއް ދިރިއުޅޭ ތުލުސްދޫގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރެވިގެން ދިއުމަކީ ރަށުގެ އަމަންއަމާންކަން އިތުރުކޮށް، ކުށް މަދުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ރަށުގެ އިޖުތިމާޢީ ތަރައްޤީއާއި ރައްޔިތުންގެ ސަލާމަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އެމްޓީސީސީ އުފެދިފައިވަނީ 1980 ވަނަ އަހަރުގައެވެ. ވޭތުވެދިޔަ 44 އަހަރު ތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތަކީ ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.