ކ. ތުލުސްދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢު ހިންގަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ.
ތުލުސްދޫ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު، ޢިއްޒަތްތެރި ޢަބްދުﷲ ނާޒިމް އިބްރާހިމްއެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ، (ރިޓަޔަރޑް) ޑީސީޕީ އަޙްމަދު ސައުދީ އާއި އެ ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތަކީ ކ. އަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
30 އެނދުގެ މި ހޮސްޕިޓަލް ޤާއިމުވުމުން، ތުލުސްދޫގެ އިތުރުން ކ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ޒަމާނީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެމްޓީސީސީން މި މަޝްރޫޢު ނިންމައިލުމަށް ހަމަޖެހިފައިވާ މުއްދަތެއްގައި މި މަސައްކަތް ނިންމައި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ ކަމަށް އުންމީދު ކުރެވެއެވެ.