ކ. ތުލުސްދޫގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޚިދުމަތް ފެށުމަށްޓަކައި، އެ ކުންފުންޏާއި ތުލުސްދޫ ކައުންސިލާ ދެމެދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުލުސްދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ. މި މަޝްރޫޢުގެ ދަށުން ތުލުސްދޫގައި ކުނި މެނޭޖްކުރުމުގެ ފުރިހަމަ ޚިދުމަތްތައް ވެމްކޯއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލްއެވެ. އަދި ތުލުސްދޫ ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ.
ތުލުސްދޫގައި ވެމްކޯގެ ޚިދުމަތް ފެށުމަކީ ރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. ރަށުގެ ޞިއްޙީ މާހައުލު ރަނގަޅުކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ލިބިގެންދާނެ މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ އިތުރު އިންތިޒާމުތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ.