ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ތުލުސްދޫގެ ތަޢުލީމީ ދާއިރާއަށް މުހިންމު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެކެވެ. މި ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ ދަށުން ބިނާކުރާ އައު އިމާރާތަކީ 4 ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގައި ޖުމްލަ 15 ކްލާސްރޫމް ހިމެނޭނެއެވެ. މީގެ އިތުރުން އޮފީސް އިމާރާތަކާއި، ސްޓާފްރޫމާއި، ލައިބްރަރީގެ އިތުރުން ނަމާދު ކޮޓަރިވެސް މި އައު އިމާރާތުގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ސަބަބުން ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ދަރިވަރުންނަށް ޒަމާނީ މާހައުލެއްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލު ޝަފީޢުއެވެ. އަދި ތުލުސްދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ. މި މަޝްރޫޢު ފެށުމާއެކު، ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން