އޮސްޓްރޭލިޔާ ސަރުކާރުން، ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ސަރވައިލަންސް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ. މި ޑްރޯންތައް ހަވާލުކުރުމަށްޓަކައި ކަސްޓަމްސްގެ މައި އިދާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި އެހީގެ ދަށުން ކަސްޓަމްސްއަށް ހަދިޔާކުރެވުނު ޑްރޯންތަކަކީ އޮސްޓްރޭލިޔަން ބޯޑަރ ފޯސްއިން ރާއްޖޭގެ ކަސްޓަމްސް ސަރވިސްއަށް ދެއްވި ހަދިޔާއެކެވެ. މި ތަކެތި ރަސްމީކޮށް ހަވާލުކޮށްދެއްވީ އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕްއެވެ.
ކަސްޓަމްސްގެ ފަރާތުން މި ޑްރޯންތަކާ ހަވާލުވެވަޑައިގަތީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިޔާނާ ވަނީ މި ދިލާތި އެހީއަށްޓަކައި އޮސްޓްރޭލިޔާގެ ސަރުކާރަށާއި ބޯޑަރ ފޯސްއަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، މި ޑްރޯންތަކުގެ ސަބަބުން ކަސްޓަމްސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ޚާއްސަކޮށް ބޯޑަރ އެންފޯސްމަންޓްގެ މަސައްކަތާއި، ޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެއެވެ. "މި އެހީތެރިކަމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބިގެންދާ ވަރަށް މުހިންމު އެއްބާރުލުމެއް،" ދިޔާނާ ވިދާޅުވިއެވެ.
މިފަދަ އެހީތެރިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.