ސްޓެލްކޯއިން ތުލުސްދޫގައި ޤާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
ސްޓެލްކޯއިން ތުލުސްދޫގައި ޤާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ތުލުސްދޫގައި ޤާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއެކެޑެމީ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ތުލުސްދޫއަށް ވަޑައިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ އަކީ މުޖުތަމަޢުގައި އިންޖިނިއަރިންގގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން، ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ޤާއިމްކޮށްފައިވާ މަރުކަޒެކެވެ.

މި މަރުކަޒުގައި ސްޓެލްކޯގެ ތަޖުރިބާކާރުންގެ އިތުރުން ބައެއް އިލްމީ މުއައްސަސާތަކުން ވެސް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ސްޓެލްކޯއާ ދެމެދު، އެމް.އެން.ޔޫގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް މި މަރުކަޒުގައި ހިންގުމާއި ގުޅޭގޮތުން 26 އޮކްޓޫބަރު 2025 ވީ އާދީއްތަ ދުވަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކެޑަމީއަކީ ހަމައެކަނި ތަމްރީނު މަރުކަޒެއް ނޫންކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ. މިއީ ދިވެހިރާއްޖޭގެ ޔޫޓިލިޓީ ޚިދުމަތްތަކުގެ ދެމެހެއްޓެނިވި މުސްތަޤުބަލާއި، އީޖާދީ ފަންނިއްޔާތާއި، އިންސާނީ ރައުސްމާލަށް ކުރެވޭ ވުނަކުރުމެކެވެ. މި އެކެޑެމީގެ ތަޞައްވުރަކީ "ދެމެހެއްޓެނިވި ހަކަތައިގެ މުސްތަޤުބަލަކަށް، ޒަމާނީ ހުނަރު ދިރުވައި ތަރައްޤީކުރުން" ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން، މި މަރުކަޒުގެ މުހިންމަތަކީ "ޔޫޓިލިޓީ ޚިދުމަތްދިނުމުގެ ޒަމާނީ ވެއްޓެއްގައި ކުރިއެރުމަށް ބޭނުންވާ ފިކުރިއްޔާތާއި، ޢިލްމު އަދި ހުނަރު ސްޓެލްކޯގެ މަސައްކަތްތެރީންގެ ކިބައިގައި ތަރައްޤީކުރުން" ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.

މި އެކެޑެމީގެ ސަބަބުން ރާއްޖޭގެ ޔޫޓިލިޓީ ދާއިރާއަށް ބޭނުންވާ ޤާބިލު ދިވެހި ޒުވާނުން ތަމްރީނުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން