ކަސްޓަމްސްއަށް ފައިސާ ނުދައްކާ 680 ފަރާތެއްގެ މައުލޫމާތު ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކަސްޓަމްސްއަށް ފައިސާ ނުދައްކާ 680 ފަރާތެއްގެ މައުލޫމާތު ހާމަކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 680 ފަރާތެއްގެ މައުލޫމާތު، އެ އިދާރާއިން ހޮނިހިރު ދުވަހު ވަނީ އާންމުކޮށްފައެވެ.

މިއީ ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށްޓަކައި އެކުލަވާލި އުސޫލުގެ ދަށުން ފުރަތަމަ ފަހަރަށް ހާމަކުރި ލިސްޓެވެ. މި ފިޔަވަޅަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލު އެ އިދާރާއިން އާންމުކުރީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މި އުސޫލުގެ މަޤްސަދަކީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ޒިންމާދާރުކަން އިތުރުކުރުމާއި، ދައުލަތުގެ މާލިއްޔަތު ހިމާޔަތްކުރުމެވެ.

މި އުސޫލުގެ ދަށުން ނަން ހާމަކުރަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކުގެއެވެ. އެގޮތުން، ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10،000 ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑުވުން ހިމެނެއެވެ. އަދި ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި ވަގުތީގޮތުން ހިދުމަތް މެދުކަނޑާލުމުގައި ޢަމަލުކުރާ ޢުސޫލުގެ ދަށުން ފައިސާ ދައްކަން އެފަރާތަކަށް އަންގާފައިވުން ވެސް މި ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މި ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ ކަސްޓަމްސްގެ ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތައް ކަމަށެވެ. މީގެ ކުރިން ނަން ހާމަ ނުކުރެވުނު ނަމަވެސް، އާ އުސޫލާއެކު މިފަދަ ފަރާތްތަކުގެ މައުލޫމާތު އާންމުކުރަމުންދާނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ކޯޓު ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އިތުރަށް ބެލުމަށް ފަހު އަދާހަމަ ކުރާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި ތަހުޤީޤު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ނަންތައް، ތަހުޤީޤު ނިމުމުން އުސޫލުގެ ތެރެއިން ހާމަކުރެވޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން