ޗައިނާގެ ޕްރޮކިއުރެޓޯރިއަލް ކޮމެޓީގެ ދާއިމީ މެންބަރު ޝި ވެއިޖޯންގް އިސްކޮށް ހުންނެވި އެކޮމެޓީގެ އިސް ވަފުދެއް ރާއްޖެއަށް ވަޑައިގެންފިއެވެ. މި ވަފުދު ރާއްޖެއަށް ވަޑައިގެންފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް އައްބާސް ޝަރީފްގެ ދަޢުވަތަކަށެވެ.
މިކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ވަނީ ޝި ވެއިޖޯންގްގެ ވެރިކަމުގެ ދަށުން ރާއްޖެއަށް ވަޑައިގެންނެވި ޗައިނާގެ ޕްރޮކިއުރެޓޯރިއަލް ކޮމެޓީގެ އިސް ވަފުދަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ މި ދަތުރަކީ ދެ ގައުމުގެ ޕްރޮސެކިއުޓޯރިއަލް މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމުގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުގެ މައިގަނޑު މަޤްސަދަކީ ދެ އޮފީސް ދެމެދު ޕްރޮސެކިއުޓޯރިއަލް ގުޅުން ބަދަހިކުރުމާއި، މުއައްސަސާގެ ތަރައްޤީއަށް މަސައްކަތްކުރުމާއި، އަދި ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ ތަޖުރިބާ ބަދަލުކުރުމެވެ. މި ދަތުރަކީ މި ދާއިރާތަކުން ކުރިއެރުން ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި ވަފުދާއެކު ފައިދާހުރި މަޝްވަރާތަކެއް ކުރެވި، ދިގު މުއްދަތުގެ ގުޅުންތަކެއް ބިނާކުރެވި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދެ ގައުމުގެ ޤާނޫނީ ނިޒާމު އިތުރަށް ހަރުދަނާވެ، ޝަރުޢީ ދާއިރާގެ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.