ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދައްކަވަމުން އެގެންދަވަނީ ނަމޫނާ ޙިދުމަތުގެ މިސާލެއް ކަމަށް ރައީސުޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރު މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވައި ނިންމަވާލެއްވުމާ ގުޅިގެންނެވެ.
މިކަން ފާހަގަކުރައްވައި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމްފުޅުގައި ކަމަށެވެ. އަދި މިއަދު ކ.ތުލުސްދޫއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ވެރިކަމުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނަށް އެވަނީ ޒިޔާރަށް ކުރެއްވިފައި ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، މިހާ އަވަސް މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެހެން ވެރިއަކު ޒިޔާރަތްކުރައްވައި މި ލަނޑުދަނޑި ހާސިލްކުރައްވާފައި ނުވާ ކަމަށެވެ. މީގެ އިތުރުން ރައީސް މުޢިއްޒު އެގެންދަވަނީ ކޮންމެ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ގާތުން ބައްލަވައި، ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާ އަދި ބައެއް މަސައްކަތްތައް ހަލުވިކަމާއެކު ނިންމަވައި އިފްތިތާހުކޮށްދެއްވަމުން ކަމަށް ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި ރައީސް ޑރ.މުޢިއްޒު މިއަދު ދައްކަވަމުން އެގެންދަވަނީ ނަމޫނާ ޙިދުމަތުގެ މިސާލެއް ކަމަށާއި، އެއީ ރައްޔިތުންނަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ ވަރުގަދަ އަޒުމް ކަމަށެވެ.