ކައިވެނިކުރުމަށްފަހު ކުރީގެ ލޯބިވެރިޔާގެ މަތިން ހަނދާންކޮށް ސިއްރު ގުޅުންތައް ބާއްވާ މީހަކަށް ކައިވެނި ކާމިޔާބެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކައިވެނިކުރުމަށްފަހު ކުރީގެ ލޯބިވެރިޔާގެ މަތިން ހަނދާންކޮށް ސިއްރު ގުޅުންތައް ބާއްވާ މީހަކަށް ކައިވެނި ކާމިޔާބެއް ނުކުރެވޭނެ!

ދެލޯބިވެރިއަކަށް ކައިވެނި ނުކުރެވުމަކީ ދުޝްމިނުންނަށް ބަދަލުވާންޖެހެންވީ ކަމެއް ނޫނެވެ. އެކަން އެގޮތަށް މެދުވެރިވާނީ އެކަމުގެ ސަބަބުން ލިބެން އޮތް ރަނގަޅު ބޮޑުވީމައެވެ. ނަމަވެސް އެހެން މީހަކާއި ގުޅުމަށްފަހު ކުރީގެ ލޯބިވެރިޔާއާއިމެދު ވިސްނޭނަމަ އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ.

ކައިވެނި ރޫޅެން ދިމާވާ އެންމެ ޢާންމު އެއް މައްސަލައަކީ ކައިވެނިކުރުމަށްފަހުގައިވެސް ތިމާ ކުރިން ލޯބިވެގެން އުޅުނު މީހާ އާއިމެދުގައި ވިސްނޭކަމެވެ. ކައިވެނިކުރުމަށްފަހުގައިވެސް އޭނާ އާއި ގުޅުން ބާއްވަން މަސައްކަތްކުރެވޭ ކަމެވެ.

މިއީ ވަރަށް ދެރަކަމެކެވެ. ފުރަތަމަ ކަމަކީ އޭނާ ތިބާ އާއި ކައިވެނި ނުކުރީ ކީއްވެގެން ހެއްޔެވެ؟ އެއީ ކޮންމެ ސަބަބަކަށްވީނަމަވެސް އެހެން މީހަކާއި ކައިވެނިކުރަން ތިއަ ޖެހުނީ އޭނާ އާއި ކައިވެނިނުކުރެވުމުންނެވެ. އެހިސާބުން އޮތީ އެކަން ހަނދާން ނައްތައިލުމެވެ. އަދި ހަނދާންވީނަމަވެސް އެކަމަށް އިތުރަށް ނުވިސްނުމެވެ.

ކައިވެނިކުރުމަށްފަހު ދެން ވިސްނަން ޖެހޭނީ ތިމާއަށް ލިބުނު ބައިވެރިޔާ އާއިމެދުގައެވެ. މަސައްކަތްކުރަން ޖެހޭނީ އޭނާއަށް ތެދުވެރިވެ އޭނާއަށް ލޯބިދީގެން ދިރިއުޅުމަށެވެ.

ކޮންމެ މީހަކުވެސް ބޭނުންވާނީ ކޮންމެ ކަމެއްވެސް އެމީހަކު އެދޭ ގޮތަކަށްވުމަށެވެ. އެހެންވެ އެކަމަށް މަސައްކަތްކުރެވޭނެއެވެ. މަސައްކަތްކުރުމުންވެސް ކާމިޔާބު ނުވެއްޖެނަމަ އޮތީ އެޚިޔާލުތަކާއި ދުރުހެލިވާން މަސައްކަތްކުރުމެވެ.

ހަނދާންކުރާށެވެ! އެލޯބިވެރިޔާ ތިބާ އާއި ނުގުޅޭނީ ތިބާގެ ކިބައިން އުނި ކަންތައްތަކެއް ފެނިގެންނެވެ. ތިބާ ބަލައި ނުގަނެވުނީމައެވެ. އެއިގެ ބަދަލުގައި ތިބާ އާއި ކައިވެނިކުރި ބައިވެރިޔާ ތިބާ އާއި ކައިވެނިއެކުރީ ތިބާގެ ކަންކަމަށް ރުހިގެންނެވެ. ވީމާ ތިބާއަށް ރުހުނު މީހާ ދެރަކޮށް ހިތުގައި ނުޖައްސާށެވެ.

އެކުވެރިންނާއިމެދުގައިވެސް ވިސްނަންވާނީ ހަމަ އެގޮތަށެވެ. ތިބާ ދޫކޮށްލާފައި ދުރަށްދާ މީހުްނނާއިމެދު ނުވިސްނާށެވެ. ތިމާ އާއިއެކުގައި ތިބި މީހުންނާއިމެދުގައި ވިސްނާށެވެ. ތިމާ އާއިއެކުގައި ތިބޭނީ ތިމާއަށް އެންމެ ހެޔޮއެދޭ މީހުންނެވެ.

--އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން