ދަރިފުޅު ފަޤީރަކާ ކައިވެނިކުރަން ކަންބޮޑުވަނީ ކީއްވެ؟ އެންމެ ތަނަވަސްމީހުންގެ ތެރެއިން އެދެމަފިރިން ނުލައްވަވާނެކަން އެނގުނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދަރިފުޅު ފަޤީރަކާ ކައިވެނިކުރަން ކަންބޮޑުވަނީ ކީއްވެ؟ އެންމެ ތަނަވަސްމީހުންގެ ތެރެއިން އެދެމަފިރިން ނުލައްވަވާނެކަން އެނގުނީތަ؟

ދަރިން ކައިވެނިކުރަން ނިންމައިފިނަމަ ތަނަވަސްކަމުން މިންއަޅަން ނުއުޅޭށެވެ. ތަޤްވާވެރިކަމާ މުރާލިކަމުގަ މިންއަޅާށެވެ. ތަނަވަސްކަމުގެ ޙާލަތަކީ އަބަދުވެސް ބަދަލުވާނެ ކަމެކެވެ. ތަނަވަސް މީހުން ފަޤީރުވެސްވެއެވެ. ފަޤީރުން މުއްސަނދިވެސްވެއެވެ.

ވީމާ ކައިވެނިކުރާއިރު އަނެކާގެ ތަނަވަސްކަމަށް ނުބަލާށެވެ! ﷲ ތަޢާލާއަށް ތެދުވެރިކަމާއިއެކު ތިބެގެން ކައިވެނިކޮށްފިނަމަ އެދެމަފިރިއަކަށްޓަކައި ރިޒުޤްގެ ދޮރުކޮޅުތައް ﷲ ތަޢާލާ ހުޅުއްވަވައި ދެއްވަވާ ހުއްޓެވެ.

ﷲ ތަޢާލާއަށް ތެދުވެރިކަމާއިއެކު ތިބެގެން ކައިވެނިކުރުމަކީ ލޯބިވުމުން ފާފަނުކޮށް އަވަހަށް ލޯބި ޙަލާލްކުރުމެވެ. ކައިވެނީގައި ބަރަކާތް ލައްވަވާނީ އެއިރުންނެވެ.

އެހެނަސް ތަނަވަސްކަން ހުރުމަކީ އެންމެ މުހިންމު ޝަރުޠުކަމަށް ބެލުމަކީ އަދިވެސް ވަރަށް ގިނަ ބައަކުކުރާކަމެކެވެ. ބަލަންވީ ތަނަވަސްކަން ހުރިތޯއެއް ނޫނެވެ. ބަލަންވީ އޭނާއަކީ ތަނަވަސްކަން ހޯދަން މަސައްކަތްކުރާ މީހަކުތޯއެވެ! މުރާލި ހީވާގި މީހަކުތޯއެވެ!

އަންހެން ދަރިފުޅުގެ ކައިވެންޏަށް ރުހުންދޭން އެދަރިފުޅުގެ ކައިވެންޏަށް އެދޭމީހާގެ ތަނަވަސްކަމަށް ބަލާ މައިންބަފައިން ވިސްނާލަންވީ އެމީހުން ކައިވެނިކުރީ ތަނަވަސްކަމުގައި ތިބެގެންތޯއެވެ؟ ގިނަ ބައަކު ކައިވެނިކޮށްފައި ވާނީ އެއްވެސް ތަނަވަސްކަމެއް ނެތިއެވެ.

އަދި ކީއްހެއްޔެވެ؟ ތަނަވަސްކަމުގައި ތިބެގެން ކައިވެނިކުރިނަމަވެސް ތަނަވަސްކަމަށް ބަލައިގެން ނުވާނެއެވެ. އެދެމަފިރިންގެ ކައިވެނީގައި ބަރަކާތް ލައްވަވައި ތިމާމެންނަށްވުރެ އެދެމަފިރިންނަށް ތަނަވަސްކަން އިތުރުކުރައްވަވައި ދެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އަދި އެތައް ބައަކަށް އެކަން އެގޮތަށް މިންވަރުކުރައްވަވާތަން ލޮލަށް ފެންނާނެއެވެ.

--މަޢުލޫމާތު: މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން