ﷲ ގެ މަގުގަ ޘާބިތުވާން މަސައްކަތްކުރާ މީހުންނާއިމެދު ދޮގު ވާހަކަތައް ފަތުރާނެ! އޮތީ އަލްޙަމްދުލިﷲ ކިޔައި އަޅައިވެސް ނުލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ﷲ ގެ މަގުގަ ޘާބިތުވާން މަސައްކަތްކުރާ މީހުންނާއިމެދު ދޮގު ވާހަކަތައް ފަތުރާނެ! އޮތީ އަލްޙަމްދުލިﷲ ކިޔައި އަޅައިވެސް ނުލުން!

"އަޅުގަނޑަކީވެސް އެކުވެރިން ގިނަ މީހެކެވެ. ނަމަވެސް އެމީހުން އުޅޭހައި ގޮތަކަށް އަޅުގަނޑެއް ނުއުޅެމެވެ. އެމީހުން ކުރާ ހުރިހާ ކަންކަމެއްވެސް ނުކުރަމެވެ. އެހެންވެ ބައެއް މީހުން އަޅުގަނޑާއިމެދު ދޮގުވާހަކަތައް ފަތުރައި ފަޟީޙަތްކުރަން މަސައްކަތްކުރެއެވެ."

މިފަދަ ޙާލަތު ދިމާވާ މީހުންނަށް ބުނެލަން އޮތީ ދޮގުވާހަކަ ފެތުރުމަކީ ފަޟީޙަތްވާނެ ކަމެއް ނޫނެވެ. ފަޟީޙަތްވާނީ ކުރި ކުށެއް ބޭޒާރުވުމުންނެވެ. ވީމާ ތިމާ ކުށެއް ނުކުރާނަމަ އެހެން މީހުން ދައްކާ ވާހަކަތަކަށް ކަްނބޮޑުވުމެއް ނެތެވެ. އޮތީ އުފާކުރުމެވެ. އެއީ އެކަމުގެ ސަބަބުން ތިބާއަށް އެތައް ބައިވަރު ޘަވާބުތަކެއް ލިބެމުންދާނެތީއެވެ.

އަހުރެމެން އެއްވެސް މީހަކު އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރަން އުޅޭނަމަ އިތުރުއެކަލޭގެފާނަށް ކުރިމަތިކުރެއްވެވި ބައެއް ކަންކަން ކުރިމަތިކުރައްވަވާނެތެވެ. އެއިގެ ތެރޭގައި ތިބާއާއިމެދު ޙައްޤު ނޫން ބަސްތައް ބުނުމާއި ދޮގު ވާހަކަތައް ފެތުރުންވެސް ހިމެނެއެވެ.

ވީމާ އެފަދަ ކަންކަން ކުރިމަތިވާނަމަ އޮތީ ކަންބޮޑުވެގެން އުޅުމެއް ނޫނެވެ. ތިމާ އުޅެމުން އަންނަގޮތް ބަދަލުކޮށް ކުރަމުން އަންނަ ރަނގަޅު ކަންކަން ނުކޮށް ހުއްޓައިލުމެއްވެސް ނޫނެވެ. އޮތީ އެކަންކަން މިންވަރުކުރައްވަވާތީ އުފާކުރުމެވެ. އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ އަލްޙަމްދުލިﷲ ކިޔުމެވެ.

މިބުނި ކަންކަން އެންމެ ގިނައިން ކުރިމަތިވެވަޑައިގަތީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. އެކަމަކު އެންމެ ފަހަރަކުވެސް އެއިންކަމަކާއި ކަންބޮޑުވެވަޑައިގެން އެމީހުންގެ ކޮޅަށް ދީލައި ނުލައްވަވަތެވެ. އެމީހުންގެ އެމީހުންގެ ގޮތުގައި ދޫކޮށްލެއްވެވީއެވެ. އަމިއްލަފުޅަށް ޢަމަލުފުޅު ކުރައްވަވަމުން ގެންދެވީ ﷲ ތަޢާލާ އަންގަވާ ގޮތަށެވެ.

އަހުރެމެންނަކަށް ވަޙި ބާވައި ނުލައްވަވާނެތެވެ. އަހުރެމެންނަށް އޮތީ ޤުރްއާނާއި ސުންނަތަށް ޢަމަލުކުރަން މަސައްކަތްކުރުމެވެ. އެގޮތުގައި ޘާބިތުވެވިއްޖެ މީހަކަށް އެމީހެއްގެ ހުރިހާ ފަރާތަކުން ރަޙްމަތް ލައްވަވާނެތެވެ. މާނައަކީ އެމީހަކު ކުރަން އުޅޭ ހުރިހާ ކަމަކަށްވެސް މަގުފަހިކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން