މަރަށް ތައްޔާރުވުމާއިމެދު ވިސްނަން އެންމެ ފައިދާހުރި މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
މަރަށް ތައްޔާރުވުމާއިމެދު ވިސްނަން އެންމެ ފައިދާހުރި މަގު-

އިންސާނާ އެކަމަކާއި ބައްދަލުކުރަން އެންމެ ބޮޑަށް ބޭނުން ނުވާނެ ކަމަކީ މަރެވެ. ނަމަވެސް އެންމެ ބޮޑު ޔަޤީންކަމެއް އޮތީ ކޮންމެ މީހަކުވެސް މަރުވާނެ ކަމަށެވެ. ވީމާ މަރާއިމެދު ނުވިސްނައި ޣާފިލުވާނަމަ އެމީހަކީ ބުއްދީގެ ބޭނުންކުރާ މީހަކަށް ނުވާނެއެވެ.

ވީމާ ފުރަތަމަ ކަމަކަށްވެސް ބުއްދި އިސްކުރާށެވެ! ތިމާއަށް ކުރިމަތިވެދާނެކަމަށް ޝައްކުކުރެވޭ ކަންކަމަށް ވިސްނުން ހުއްޓައިލާށެވެ! ކުރިމަތިވާނެކަން ޔަޤީން ކަމަށް ކުރިލާން ތައްޔާރުވާށެވެ!

ފްލައިޓެއްގައި ދަތުރު ފަށާތަނުން ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެ ނަމަ އަނބުރާ އައިސް ޖެއްސިދާނެއެވެ. ކަނޑު ގަދަވެއްޖެ ނަމަ އަމާންތަނެއްގައި ބަނދަރުކުރެވިދާނެއެވެ. އަދި ނުފުރައި މަޑުވެސް ކޮށްލެވިދާނެއެވެ. ނަމަވެސް މަރު ހިއްޕަވަން މަލަކުލްމައުތު ވަޑައިގަތުމުން ވަގުތުން މަރުނުވެ ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ދަތުރަށް ތައްޔާރު ނުވެ ހުރުމުގެ ސަބަބުން ކައްވަޅުގައި ކިތަންމެ ބޮޑެތި ޢަޛާބު ތަކެއް ލިބެން ޖެހުނު ނަމަވެސް ޤިޔާމަތް ދުވަހު ނަރަކައަށް ވަންނަން ޖެހުނު ނަމަވެސް ޖެހޭނީ ހަމަ މަރުވާށެވެ! އެކަންކަމަށް ކުރިމަތިލާށެވެ! އިތުރު އެއްވެސް "ޗޮއިސް"އެއް ނުއޮންނާނެއެވެ!

މީސްތަކުންނޭވެ! ހޭލާށެވެ! ހޭލުންތެރިވާށެވެ! ދުނިޔޭގައި އަހަރެމެން ބުނެ މިއުޅެނީ ރައްކައުވެ ތިބިއްޔާ ދަތުރު ކަމަށެވެ. މި ބަހަކީ ދުނިޔޭގައި އެއްތަނުން އަނެއް ތަނަށް ދިއުމަށް މިކުރާ ދަތުރުތަކަށްވުރެ މާ ފުޅައު މާނައިގައި އޮތް ބަހެކެވެ. ވިސްނަންވީ މަރުވުމުން ފަށާ ދަތުރުގެ ރައްކައުތެރިކަން އޮތީ އެ ދަތުރަށްޓަކައި ތިމާ ދުނިޔޭގައި ހުރެ ރައްކައުތެރިވީ ވަރަކުން ކަމެވެ. އެހެނީ އެއީ މާ ނުރައްކައުތެރިކަން ބޮޑު ދަތުރެކެވެ.

"ދުނިޔޭގެ ޙަޔާތް މިކިޔަނީ އަހުރެމެންނަށް އެޢަދަދު ނުއެނގޭނެ އެކަމަކު އަދަދު ކަނޑައެޅިފައިވާ ދުވަސްތަކަކަށެވެ. ވީމާ ފާއިތުވާ ކޮންމެ ދުވަހަކީ ކައްވަޅާއި ކައިރިއަށް ކުރެވޭ ދަތުރުގެ ބައެކެވެ. ދަތުރު ނިމި ކައްވަޅުގައި ވަޅުލެވޭނެ ދުވަސް އެކަކަށްވެސް ނުއެނގޭނެއެވެ.

ވީމާ ދަތުރުގެ ސަލާމަތްކަމަށް އެދޭ މީހާ، ޙަޔާތުން ފާއިތުވާ ކޮންމެ ދުވަހަކީ ދަތުރުގެ އަމާޒު ހިފައި ސީދާ މިސްރާބަށް ދުއްވާ ދުވަހަކަށް ހަދާށެވެ. އެއިރުން ދަތުރު ނިމޭނީ ސަލާމަތުގެ އައްސޭރިއަށެވެ."

މިއީލްމުވެރިއަކު ވިދާޅުވެފައިވާ ވަރަށް މުހިންމު ބަސްފުޅެކެވެ. ހަޔާތުން ފާއިވާ ކޮންމެ ދުވަހަކީ މަރާއި ކައިރިއަށް ދެވޭ ދުވަހެކެވެ. ވީމާ މަރުވުމުން ސަލާމަތްކަން ލިބުން އޮތީ ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ މަރަށް ތައްޔާރުވާން އެދުވަހަކު ކުރަން ޖެހޭ ހުރިހާ ކަންކަން ފުރިހަމަކުރިވަރަކުންނެވެ.

ނަމަވެސް ގިނަ މީހުންނަށް އަމަލުކުރެވެނީ އެގޮތަކަށް ނޫނެވެ. ހަޔާތް ވޭތިކުރެވެނީ މަރަށް ތައްޔާރުވުން ފަހަށް ބާއްވައިގެންނެވެ. ދުވަހުން ދުވަހަށް ތައްޔާރެއް ނުވެއެވެ. ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަމުން އެދުވަހަކު ކުރަން ބޭނުންވާ ޚަރަދުތައް ކުރަމުން ގެންދާއިރު އެ ޚަރަދުކުރުމުގެ މަގު ފަހިކޮށްދެއްވެވި ﷲ ތަޢާލާއަށް ދަނީ ދަރަމުންނެވެ. އެންމެފަހުން މަރާއި ބައްދަލުކުރަން ޖެހެނީ އެ ބޮޑު ދަރަނިތަކާއިއެކުގައެވެ.

މަލަކުލްމައުތު ލޮލަށް ފެނުމާއި ހަމައިން ދަރަނި އަދާކުރުމުގެ ފުރުޞަތު ގެއްލިގެންދެއެވެ. ހަތަރު އުދަރެސް ފެނުޖެހި ނިމެއެވެ. ދުނިޔޭގެ ފަސްގަނޑުގެ މަތީގައި ދިރިއުޅުމުގެ ފުރުޞަތު ގެއްލިގެން ދެއެވެ. ފަސްގަނޑު ކޮނެ އަޑީގައި ވަޅުލެވެއެވެ. ބަރުޒަޚުގެ ޢާލަމުގެ ޙަޔާތް ފެށިގެންދެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން