ޒުވާން ޢުމުރުގައި ސަމާލުކަން ނުދެވިއްޖެނަމަ ޤިޔާމަތްދުވަހު ތިމާއަށް އެއްވެސް ރަނގަޅު ގޮތެއް މެދުވެރިނުވާނެކަމަށް ވިސްނޭ ބައަކު އުޅެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ޢުމުރުގެ ކޮންމެ ޙިސާބެއްގައި ނަމަވެސް ހެޔޮވިސްނުން ލިބި ޤިޔާމަތް ދުވަހު މީހަކަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތްކަމަށްވާ ޢަރުޝީގެ ހިޔާވަހިކަން ލިބިގަންނަން ބޭނުންވާ މީހާއަށްވެސް އެފުރުޞަތު އެބައޮތެވެ.
ޢަރުޝީގެ ހިޔާވަހިކަން ލިބުމަކީ ޤިޔާމަތް ދުވަހު މީހަކަށް ލިބޭނެ އެންމެ ބޮޑު އަދި އެންމެ މަތިވެރި ނިޢުމަތެވެ. އެހެނީ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވައިފިނަމަ އެކަން ވެގެންދާނީ އެމީހަކަށް ސުވަރު ލިބުން ޔަޤީންވުން ކަމުގައެވެ. ޢަރުޝީގެ ހިޔާވަހިކަން ލިބިގެންފި އަޅަކު ނަރަކައަކަށް ނުވައްދަވާނެތެވެ.
الله ތަޢާލާގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި ހަތް ބާވަތެއްގެ ބައަކަށް ހިޔާވަހިކަން ދެއްވަވައެވެ. މީގެ ތެރެއިން ބައެއް ބައިތަކަށް ޝަރުޠު ފުރިހަމަވާނީ ޒުވާން އުމުރުގައެވެ. އެއުމުރުގައި ފުރުޞަތުގެ ބޭނުން ނުހިފިއްޖެނަމަ ފުރުޞަތު ގެއްލިގެން ދިއައީއެވެ.
އަނެއްބައި ކަންކަމަކީ ޢުމުރުން ގިނަދުވަސްތައް ފާއިތުވެގެން ދިއައިރު ނުއެނގުމުގެ ތެރެއިން ނަމަވެސް އަމިއްލައަށް ދޫކޮށްލެވިފައިވާ ބައިތައް ކަމުގައިވެދާނެއެވެ.
ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ 7 މީހުން:
ޢަދުލުވެރި އިމާމެއް
. الله އަށް އަޅުކަން ކުރުމުގައި ބޮޑުވެފައިވާ ޒުވާނާ.
އެމީހެއްގެ ހިތް މިސްކިތާއި ގުޅިފައިވާ މީހާ.
الله އަށް ޓަކައި ލޯބިވެއްޖެ ދެމީހުން. އެދެމީހުން ގުޅެނީވެސް الله އަށް ޓަކައި. ވަކިވަނީވެސް الله އަށް ޓަކައި
މަތީމަގާމެއްގައި ހުރި ރީތި އަންހެނަކު ފާޙިޝް ޢަމަލަށް ދަޢްވަތު ދީފި ހިނދުގައި “ތިމަން الله އަށް ބިރުވެތިވަމޭ” ބުނެ އެކަމުން ދުރުހެލިވާ މީހާ.
ކަނާ އަތުން ކުރާ ޞަދަގާތް ވާއަތަށްވެސް ނޭނގޭ ގޮތަށް ސިއްރިއްޔާތުގައި ޞަދަގާތް ކުރާ މީހާ
އެކަނި ހުރެ الله ހަނދުމަކޮށް ލޮލުން ކަރުނަ އޮހުނު މީހާ." ޞަޙީޙުލް ބުޚާރީ 660.
މި 7 ބާވަތުގެ ތެރޭގައި އެމީހާގެ ހިތަށް ތަޤްވާވެރިކަން ވަދެ އެމީހާ ބޭނުންވުމުން ޢަރުޝީގެ ހިޔާވަހިކަން ލިބިގަންނަން މަސައްކަތްކުރަން ފުރުޞަތު އޮތް ބައިތަކެއް ވެއެވެ.
މިސާލަކަށް:
1 ތިބާ ބޮޑުވެފައިހުރީ الله އަށް އަޅުކަން ކުރުމުގައި ނޫންކަމަށްވެދާނެއެވެ. ނަމަވެސް ތިބާ ބޭނުންނަމަ މިހާރުވެސް ތިބާގެ ހިތް މިސްކިތާއި ގުޅުވާލެވިދާނެއެވެ.
2 ﷲ އަށްޓަކައި މިހާރުވެސް މީހަކު ދެކެ ލޯބިވެވިދާނެއެވެ.
3 ފާހިޝް އަމަލުކުރަން ލިބޭ ދަޢުވަތުތައް ޤަބޫލުނުކޮށް ހުރެވިދާނެއެވެ.
4 ސިއްރިޔާތުގައި ޞަދަޤާތްކުރާ މީހަކަށް ވެވިދާނެއެވެ.
ދެން އޮތީ މިއިން އެއްވެސް ކަމެއް ޙާޞިލުކުރުމުގެ ކުޅަދާނަކަން ނުލިބުނު މީހާކުރަންވީ ކަންތަކެވެ. އެއީ:
5 އެކަނި ހުރެ الله ހަނދުމަކޮށް ލޮލުން ކަރުނަ އޮހޮރުމެވެ.
ޢަރުޝީގެ ހިޔާވަހިކަން ލިބުމަށްވުރެ ބޮޑު ފައިދާއަކީ ކޮބައިހެއްޔެވެ؟ އެހެނީ ޢަރުޝީގެ ހިޔާވަހިކަން ލިބިއްޖެނމަ އެމީހަކު އެވަނީ ސީދާ ސުވަރުގޭގައެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން