ޢިބްރަތްތެރި ވާހަކަ: އިންތިހާއަށް ލޯބިވެ ލޯބީގަ ޤުރްބާންވުމުގެ އަގަކަށް އަނިޔާވެރިވި އަންތބަކަށާ ފިރިއަކަށް ލިބުނު ބޮޑުދެރައާ އަނިޔާ ލިބުނު ދެމީހުންނަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ޢިބްރަތްތެރި ވާހަކަ: އިންތިހާއަށް ލޯބިވެ ލޯބީގަ ޤުރްބާންވުމުގެ އަގަކަށް އަނިޔާވެރިވި އަންތބަކަށާ ފިރިއަކަށް ލިބުނު ބޮޑުދެރައާ އަނިޔާ ލިބުނު ދެމީހުންނަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

އަހުރެން ކޮލެޖް ނުނިންމައި ވަކިވީ ލޯބިވެރިޔާއަށް ކިޔަވައިދޭނެ އާމްދަނީ ހޯދަން މަސައްކަތްކުރާށެވެ. ކައިވެނިކޮށް ދަރިއަކު ލިބުމުން ވަޒީފާދޫކޮށްލައި ގޭގައި ހުރެގެން މަސައްކަތްކުރަން ފެށީ ވަޒީފާގައި ކުރިއަސްދާނެ ފުރުޞަތު އަނބިމީހާއަށް ހޯދައިދޭށެވެ. 

މެންދުރުގެ ކެއުން ގޭގައި ކައްކައިގެން ހިފައިގެންދަނީ ދަރިފުޅުވެސް ގޮވައިގެންނެވެ. އެގޮތަށް ގޮސް އުޅުމުގެ ތެރެއިން އެއްދުވަހަކު އަހުރެންނަށް ފެނުނީ އަނބިމީހާ އާއި އޮފީހުގެ ވެރިޔާގެ ފިރިމީހާއާއި ދެމީހުން ލޯބިކުރާތަނެވެ.  

އެނބުރި ގެއަށް އައިސް ގޭގައި މަޑުކުރުންވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެއީ އެފްލެޓްވެސް ކުއްޔަށްހިފާފައިހުންނަނީ އަނބިމިހާގެ ނަމުގައި ކަމަށްވާތީއެވެ. އެހެންވެ ހަވީރުފިނިވުމުން އަނބިމީހާ ގެއަށް އައުމުގެ ކުރިން ދަރިފުޅު ގޮވައިގެން އަހުރެންގެ މައިންބަފައިންގެ ގެއަށް ދިއުމަށް ނުކުމެ ހިނގައިގަތީމެވެ.  

ކޮންފަދަ އިއްތިފާޤެއް ހެއްޔެވެ؟ އަންހެނަކު ނުބަލައިހުރެ ހިނގަމުން އައިސް އަޅައިގަތީ އުރައިގެންހުރި ދަރިފުޅުގެ ގައިގައެވެ. އޭނާ ދެރަވެ މާފަށް އެދުމުން ރަނގަޅަށް ބަލައިލިއިރު އަނބިމީހާ މަސައްކަތްކުރާ އޮފީހުގެ ވެރިމީހާއެވެ.  

ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަކޮޅަކަށްފަހު އަހުރެން ގޮވައިގެން އޮފީހަށް ގޮސްދިނުމަށް އެދުމުން އެކަމަށް އެބަސްވިެ މަރުޙަބާ ކިޔުމުން އޭނާގެ ކާރުގައި އޮފީހަށް ދިއައިމެވެ. ގޮސްފައި އަހުރެން އެދުނީ އަހުރެން ގޮވައިގެން އޭނާގެ ފިރިމީހާގެ އޮފީހަށް ގޮސްދިނުމަށެވެ. އެކަންވެސް ކޮށްދިނުމުން ބޭރުގައި މަޑުކޮށްލާފައިބުނީމެވެ. "ދޮރޮހުޅުވާފައި އެތެރެބަލައިލާށެވެ."  

ވަރަށް މަޑުމަޑުމަޑުން ދޮރުހުޅުވާފައި ބަލައިލުމަށްފަހު ރޮމުން އައިސް ހުއްޓި ރުޅިގަދަ ބަސްތަކެއް ބުނުމުން ބުނީމެވެ. "ކެތްތެރިވާށެވެ. ނަޖިސް މީހުން ދެކެ ރުޅިއައިސް އެއްޗެތި ގޮވުމަކުން ކުރާނެ ފައިދާއެއް ނެތެވެ."  

އޭނާ ބުންޏެވެ. "ފިރިމީހާއަކީ މިތަނުގެ ވަރަށް އާދައިގެ ވަޒީފާއެއްގައި އުޅުނު މީހެކެވެ. ލޯބިވެވުނީމައި ކައިވެނިކޮށް ކުންފުނި ހިންގަން ޙަވާލުކޮށްފައި މިއިންނަނީ ގޭގައެވެ. ދިން އަގު ބަލައިގެންފީމެވެ." އެހެންބުނެފައި ބާރަށް ގޮސް ދޮރުހުޅުވިއިރުވެސް ދެމީހުން ތިބީ ބައްދައިގެންނެވެ. ވަޤުތުން ތަޅުދަނޑިތަކާއި ކޭޝްކާޑު އަތުލުމަށްފަހު އޮފީހުން ނެރެ ފޮނުވައިލިއެވެ.  

އަހުރެންގެ އަނބިމީހާ ވަރަށް ދެރަވެފައި އަހުރެންގެ ކިބައިން މާފަށް އެދުމުން ބުނީމެވެ. "މާފުކޮށްފީމެވެ. އެކަމަކު އެކުގައި ދިރިއުޅުން މިހިސާބުން މިނިމުނީއެވެ. އަހުރެން ދާނީ އަހުރެންގެ މައިންބަފައިންގެ ގާތަށެވެ. ތިބާގެ ފްލެޓުގައި ތިބާ އުޅޭށެވެ."  

އެހެން ބުނާއިރަށް އަންހެންމީހާ ބުންޏެވެ. "ތިބާ ދާންޖެހޭނީ މައިންބަފައިންގެ ގެއަކަށް ނޫނެވެ. ތިބާފަދަ ހަރުދަނާ ފިރިއަކު އެކަނިވެރިވާކަށް ދޫީކޮށެއް ނުލާނަމެވެ. އަހުރެންނާއިއެކު އަހުރެންގެ ގެއަށް އަންނާށެވެ. ދަރިފުޅު ބެލޭނެ ގޮތްވެސް ހަދައިދޭނަމެވެ. ފިރިމީހާ ކުރަމުން އައިމަސައްކަތް މާދަމާއިން ފެށިގެން ކުރާނީ ދެމީހުންނެވެ."  

އަހުރެން އޭނާގެ ބަސްއަޑުއަހައި އޭނާގެ ހުށަހެޅުން ޤަބޫލުކުރީމެވެ. އަނބިމީހާއަށް ހެޔޮކޮށް ހިތުމުން ލިބުނު ފިލާވަޅުން ޢިބްރަތް ޙާޞިލުކުރީމެވެ.  

މިއީ 7 އަހަރުފަހެވެ. ދެމީހުން މިތިބީ ކައިވެނިކޮށްގެންނެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. މަސައްކަތްވެސް ކުރަމުން މިގެންދަނީ ދެމަފިރިން އެކުގައެވެ. 

މިއީ ޖިމް ކިޔާ މީހަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ވާހަކައެކެވެ. މިއީ ޙަޤީޤަތް ނޫންނަމަ އޭނާގެ ފޭސްބުކްގައެއް ނުލިޔާނެއެވެ. އޭނާ ދަންނަ މީހުންނަށް ބޭޒާރުވާނެތީއެވެ.  

މިހުންނަނީ ކަންކަން މެދުވެރިވާ ގޮތެވެ. ބުނެލަން ބޭނުންވަނީ ތިމާއަށްޓަކައި ޤުރްބާންވާ ބައިވެރިޔާއަށް މިފަދަ ދެރަ ގޮތްތައް ނުހަދާށެވެ. ވަޤުތީ އުފާކޮޅެއްގެ ބޭނުމުގައި ތިމާއަށް ހެޔޮކޮށް ހިތި މީހާގެ ހިތުގައި ނުޖައްސުވާށެވެ. އެކަމުގެ ހިތާމަ މުޅި ޢުމުރަށް ކުރަންޖެހުން އެއީ ވަރަށް ގިނަފަހަރު މެދުވެރިވާ ކަމެކެވެ.

މިއަދު އޮންލައިން