ތިމާއަށް ވިސްނެނީ އެންމެ މޮޅަށް ކަމަށް ޤަބޫލުކުރެވޭ މީހަކަށް ޢާއިލާގެ ލޯތްބެއްވެސް ބައިވެރިޔާގެ ލޯތްބެއްވެސް ނުލިބޭނެ! ގާތީ ﷲ ގެ ރުހިވޮޑިގަތުންވެސް ނުލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ތިމާއަށް ވިސްނެނީ އެންމެ މޮޅަށް ކަމަށް ޤަބޫލުކުރެވޭ މީހަކަށް ޢާއިލާގެ ލޯތްބެއްވެސް ބައިވެރިޔާގެ ލޯތްބެއްވެސް ނުލިބޭނެ! ގާތީ ﷲ ގެ ރުހިވޮޑިގަތުންވެސް ނުލިބުން!

ފުރަތަމަ ކަމަކީ ގޮތްދޫކުރުމަކީ ތިމާ ދެރަވުން ނުވަތަ ބަލިވުން ކަމަށް ބައެއް މީހުންނަށް ޤަބޫލުކުރެވޭ ކަމެވެ. އެމީހުންނަށް ނުވިސްނޭކަމަކީ ތިމާއަށް ފައިދާކުރާނީ ގޮތުގައި ހިފެހެއްޓުމުން ނޫންކަމާއި އެހެން މީހަކު ބުނެގެންނަމަވެސް ތިމާއަށް ފައިދާކުރާނެ ގޮތަށް ކަންކަން ކުރެވުން ކަމެވެ. 

ގޮތްދޫކުރަން ބޭނުން ނުވާ މީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. އެކަން އެގޮތަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެއްވެސް މީހަކީ އެކަނި ދުނިޔޭގައި އުޅެވޭނެ މީހަކަށްނުވާއިރު އެހެން މީހުންވެސް ބަލައިގަންނަ މީހަކަށް ވެގެން ނޫނީ އެހެން މީހުންނާއިއެކު ދިރިނުއުޅެވޭނެކަމެވެ. 

ބައެއް މީހުން ޙަޔާތަށް ބައިވެރިއަކު ނުހޯދައި އޭނާގެ ޢުމުރު ދުއްވާލައެވެ. ނަމަވެސް އޭނާއަށްވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާނެ ކަންތައްތަކެއް ހުންނާނެއެވެ. ހުރިހާ ކަމެއް ތިމާގެ ދެއަތުން ކުރެވޭނެ އެކަކުވެސް ނުހުންނާނެތީއެވެ. 

ވީމާ ފުރަތަމަކަމަކަށް އޮތީ މައިންބަފައިންނާއި ޢާއިލާގެ މީހުންގެ ކުރިމަތީގައި ގޮތްދޫކުރަންޖެހޭ ކަންކަމުގައި ގޮތްދޫކުރުމެވެ. އެކުވެރިންގެ ކުރިމަތީގައިވެސްމެއެވެ. ދެން އަންނާނީ ޒަވާޖީ ޙަޔާތެވެ. ޒަވާޖީ ޙަޔާތުގައިވެސް އޮތީ ގޮތް ދޫކުރުމެވެ. 

ތިމާގެ ކިބައިގައި ހުންނަ ސިފައެއް އިޞްލާޙްކުރަން މީހަކު ބުނެފިނަމަ އެކަމަށް ދެކޮޅު ހެދުމުގެކުރިން ވިސްނައިލަންވާނެއެވެ. އެކަންކުރުމުން ތިމާއަށް ކުރާނީ ފައިދާތޯ ނުވަތަ ލިބޭނީ ގެއްލުންތޯއެވެ. އެކަމެއް އެގޮތަކަށް ބަދަލުކުރުމުން ތިމާއަށް ލިބޭނީ ފައިދާކަމަށް ޤަބޫލުކުރެވޭނަމަ އެގޮތަކަށް ބަދަލުކުރަން އަވަސްވެގަންނަން ޖެހޭނެއެވެ. 

ބައެއް ފަހަރު ތިމާގެ ހިތް ނުއެދުނަސް ގޮތްދޫކުރަންޖެހޭ ކަންކަން މެދުވެރިވާނެއެވެ. މިޘާލަކަށް އެކަމެއް ޢާއިލާގެ މީހުން ނުވަތަ ބައިވެރިޔާ އެދޭ ގޮތަށް ބަދަލުކުރުމުން ތިމާއަށް ކުރާނީ ފައިދާނަމަ ހިތް ނުއެދުނަސް އޮތީ ގޮތް ދޫކޮށް އެމީހުން އެދޭ ގޮތަށް ބަދަލުކުރުމެވެ. 

ގޮތްދޫނުކުރުމަކީ ބޮޑާ، ކިބުރުވެރި މީހުންގެ ސިފައެކެވެ. އަދި ތިމާއަށް ކަންކަން މިކުރެވެނީ އެންމެ ރަނގަޅަށް ކަމަށް ބަލައި އެހެން މީހުން ދޭ ހެޔޮ ނަޞޭޙަތް ޤަބޫލުނުކުރުމަކީވެސް ބޮޑާ، ކިބުރުވެރި މީހުންގެ ސިފައެވެ. ބޮޑާ، ކިބުރުވެރި މީހުން ސުވަރުގެ ނުވައްދަވާނެކަން އެނގެން އެބައޮތެވެ. ވީމާ އާޚިރަތް ކާމިޔާބުކުރަން އެދޭ މީހަކަށްވެސް އޮތީ ގޮތްދޫކުރަންޖެހޭ ކަންކަމުގައި ގޮތް ދޫކުރުމެވެ. 

ޢާއިލާގެ މީހުންގެ ލޯބިވެސް، ބައިވެރިޔާގެ ލޯބިވެސް އެކުވެރިންގެ ލޯބިވެސް އަދި މުޖުތަމަޢުގެ ލޯބިވެސް ލިބުން އޮތީ ގޮތް ދޫކުރަންޖެހޭ ކަންކަމުގައި ގޮތްދޫކުރާ މީހަކަށް ވެވިގެންނެވެ. ވީމާ އެހެން މީހުންގެ ލޯބި ހޯދަން ބޭނުންނަމަވެސް ގޮތްދޫކުރަންޖެހޭ ކަންކަމުގައި ގޮތްދޫކުރާ މީހަކަށްވާށެވެ!

 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން  

މިއަދު އޮންލައިން