ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ދެއްވަވާ ފުރުޞަތު ލިބިނުގަނެ ގިނަބައަކަށް ދޫކޮށްލެވެނީ މިކުރެވޭ ކަމެއް ނުވެސް އެނގިތިބެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ދެއްވަވާ ފުރުޞަތު ލިބިނުގަނެ ގިނަބައަކަށް ދޫކޮށްލެވެނީ މިކުރެވޭ ކަމެއް ނުވެސް އެނގިތިބެ!

ﷲ ތަޢާލާ މމީސްތަކުންނަށް ލައްވަވާ އެންމެ ބޮޑު އެއް ރަޙްމަތަކީ ކޮންމެ މީހަކާއިއެކުވެސް ރަޙްމަތުގެ މަލާއިކަތުން ލައްވަވާފައިވާ ކަމެވެ. ފާފައެއް ކުރެވެން އުޅޭނަމަ އެކަން ނުކުރުމަށާއި ހެޔޮ ޢަމަލުތައް ކުރުމަށް އެމީހަކަށް ވިސްނަވައިދެއްވަވާނެތެވެ. އެވިސްނުން ﷲ ތަޢާލާ އެމީހަކަށް ދެއްވަވަނީ ރަޙްމަތުގެ މަލާއިކަތުން މެދުވެރިކުރައްވަވައެވެ. މައްސަލައަކަށްމިވަނީ އެކަން ބަލައިގަންނަން ގިނަބައަކަށް އުނދަގޫވާކަމެވެ. ބަލައިނުގަނެވޭ ކަމެވެ.  

ތަނަވަސް ދިރިއުޅުމެއް އުޅެންވެސް، ދިރިއުޅުމުގައި ކުރިއަރައިދާންވެސް އަދި ތަޤްވާވެރިކަން އިތުރުކުރަން ނަމަވެސް އަމިއްލައަށް ވިސްނޭނަމަ އެކަންކަމަށް އެދިގެން މަސައްކަތްނުކޮށް ހުންނަން ހެޔޮނުވާނެއެވެ. ފަރުވާ ކުޑަކޮށްލައި ފަހުން ކުރަން މަޑުކުރަން ހެޔޮނުވާނެއެވެ. 

ސަބަބަކީ ކުރިން މިބަޔާންކުރި ފަދައިން ރަނގަޅުކަންކަން ކުރުމުގެ ވިސްނުމަކީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާ ވިސްނުމެކެވެ. އެވިސްނުމަށް ޢަމަލުކުރަން މަސައްކަތްކުރުމުން އެކަމެއް ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ  

ރަނގަޅުކަމެއް ކުރަން މަސައްކަތްކުރާނަމަ އެކަމެއް ނުކުރަން ވިސްނައިދެނީ ޝައިޠޯނާއެވެ. އެއީ އެކަމެއްގެ ސަބަބުން ތިބާއަށް ފައިދާކުރާނެތީއެވެ. ހެޔޮ ގޮތްތައް މެދުވެރިވުމުން ތިބާ ލައްވައި ނުބައި ޢަމަލުތައް ކުރުވުން އުނދަގޫވެދާނެ ކަމަށްޓަކައެވެ.  

ތިމާއަށް ކުރެވޭ ފާފައެއް ނުވަތަ ނުބައި ޢަމަލެއް ކުރުން ހުއްޓާލަން ވިސްނުނު ނަމަވެސް ހުއްޓާލަން ފަސްޖެހި މަޑުކުރެވެނީ ޝައިޠޯނާ އެކަމަށް ހުރަސްއަޅާތީއެވެ. އެއީ ބިރުވެތިވާންޖެހޭނެ ޙާލަތެކެވެ. ސަބަބަކީ އެކަން ހުއްޓާލަން ވިސްނުން އެލިބެނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށްވާތީއެވެ. ޢަމަލު ނުކުރެވި ލަސްވަނީ ޝައިޠޯނާގެ ބަހަށް ހެއްލެވޭތީކަމަށްވާތީއެވެ.  

ނިކަން ވިސްނައިލަބަލާށެވެ. ފާފަކުރުން ހުއްޓާލަން ވިސްނުނު ނަމަވެސް ގިނަބައަކު މަރުވެގެންދަނީ އެކަމަށް ޢަމަލުނުކުރެވި ވަނިކޮށެވެ. ތައުބާވެ ހެޔޮ ޢަމަލުތައްކޮށް ސުވަރުގެ ހޯދަން ވިސްނުނު ނަމަވެސް ގިނަ ބައަކު މަރުވެގެންދަނީ އެކަންކަން ނުކުރެވި އުޅެނިކޮށެވެ. އެފަދަ ޙާލަތެއްގައި ވަނިކޮށް މަރު އައިސް ބައްދަލުކޮށްފިނަމަ އެމީހަކަށް އެލިބިގަނެވެނީ ކޮންފަދަ ނުބައި ނިމުމެއް ހެއްޔެވެ؟ އެއީ އަމިއްލައަށް ނަރަކައަށް ވަނުން ނޫންހެއްޔެވެ؟  

ވީމާ އެއްވެސް ހެޔޮކަމެއް ކުރުމުގެ ވިސްނުން ލިބިއްޖެނަމަ ހިނދުކޮޅަކަށްވެސް މަޑުނުކޮށް އެކަމެއް އަވަހަށް ކުރަން މަސައްކަތްކުރާށެވެ! ނޫންނަމަ އެދޫކޮށްލެވެނީ ސުވަރުގެ ވަންނަން ދެއްވަވާ ފުރުޞަތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން