މުޞީބާތެއްޖެހިފައިވާ މީހަކު ފެނުމުން މިދުޢާކުރާ މީހަކަށް އެމުޞީބާތެއް ނުޖެހޭނެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 3ސ
މުޞީބާތެއްޖެހިފައިވާ މީހަކު ފެނުމުން މިދުޢާކުރާ މީހަކަށް އެމުޞީބާތެއް ނުޖެހޭނެ!: ޙަދީޘް

ތަފާތު ސަބަބުތަކާއި ހުރެ އިންސާނާއަށް ދަތިތަކާއި، މުޞީބާތްތައް ކުރިމަތިވެއެވެ. އަޅުގަނޑުމެންނަށް މުޞީބާތެއް، ދަތި އުނދަގުލެއް މެދުވެރި ވެއްޖެނަމަ އަޅުގަނޑުމެންގެ މައްޗަށް ވަނީ ކެތްތެރިވެ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ދުޢާކޮށް ޛިކުރު ކުރުމެވެ. އަދި ގިނަގިނައިން އިސްތަޣްފާރު ކުރުމެވެ. އަދި އެފަދަ ކަމެއް ކުރިމަތިވެފައިވާ މީހަކު ފެނިއްޖެނަމަ އަޅުގަނޑުމެންގެ މައްޗަށް ވަނީ އަޅުގަނޑުމެންނަށް އެފަދަކަމެއް ކުރިމަތި ނުކުރެއްވި ކަމަށްޓަކައި، ﷲ އަށް ޙަމްދު ކޮށް، ޛިކުރުކުރުމެވެ. އަދި އެއިލާހު ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢްމަތްތައް ހަނދުމަކޮށް، އެއިލާހު ސުބްޙާނަހޫ ވަތަޢާލާއަށް ޝުކުރުކޮށް ޛިކުރު ކުރުމެވެ. އަދި އަނެކާއަށް ހެޔޮދުޢާ ކޮށްދިނުމެވެ. 

އެގޮތުން މުޞީބާތެއް ކުރިމަތިވެފައިވާ މީހަކު ފެނިއްޖެނަމަ ކިޔާނެ ދުޢާ ނަބިއްޔާ ވަނީ އުގަންނަވާ ދެއްވާފައެވެ. 

ޢަބްދުﷲ ބުނު ޢުމަރުގެ އަރިހުން ރިވާވެގެންވޭ ރަސޫލުﷲ ޙަދީޘް ކުރެއްވި  مَن رَآى مُبْتَلا فَقَالَ:  الْحَمْدُ للهِ الَّذِى عَافَانى مِمّا ابْتَلاكَ بِه، وَفَضَّلَنِى عَلَى كَثِيرٍ ممَّن خَلَقَ تَفْضِيلا، "لمْ يُصِبْهُ ذالِكَ البَلاءُ" (رواه الترمذى)   

މާނައީ، މުޞީބާތެއް ޖެހިފައިވާ މީހެއް ފެންނަހިނދު :  

الْحَمْدُ للهِ الَّذِى عَافَانى مِمّا ابْتَلاكَ بِه، وَفَضَّلَنِى عَلَى كَثِيرٍ ممَّن خَلَقَ تَفْضِيلا، 

މިފަދައިން ކިޔައިފިނަމަ އެމީހަކަށް އެ މުޞީބާތެއް ނުޖެހޭނެއެވެ.  

ދުޢާގެ މާނައީ، އެންމެހާ ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. އެކަލާނގެއީ ތިބާއަށް އެކަލާނގެ ޖެއްސެވި އިމްތިޙާނުން، އެބަހީ މުޞީބާތުން، މިއަޅާއަށް ޢާފިޔަތު ދެއްވި ރަސްކަލާނގެއެވެ.  އަދި އެކަލާނގެއީ އެކަލާނގެ ހެއްދެވި މަޚުލޫޤުންގެ ތެރެއިން ގިނަ ބައެއްގެ މައްޗަށް މިއަޅާ މާތްކުރެއްވި ރަސްކަލާނގެއެވެ.  

އެގޮތުން، ބަލިމީހަކު، ނުވަތަ ފަޤީރަކު، ނުވަތަ ދަރަނިވެރިއަކު، ނުވަތަ ފާފައެއްކުރާ މަންޒަރު ފެންނަހިނދު، ނުވަތަ އެފަދަ ވާހަކައެއް އަޑުއިވޭހިނދު މިދުޢާ ކިޔުމަކީ ޝަރުޢުވެގެންވާކަމެކެވެ.  އެހެންނަމަވެސް ދުޢާ ކިޔަންވާނީ އަނެކުންނަށް އަޑުނީވޭ ގޮތަށް ސިއްރުންނެވެ. 

ދުޢާ ފެށިފައިވަނީ ﷲ އަށް ޙަމްދު ކުރުމުންނެވެ. الله سبحانه وتعالى އަށް ޒިކުރު ކުރުމުންނެވެ.  ﷲ އަށް ޙަމްދު ކުރުމާ ޒިކުރު ކުރުމީ، ބަލާ މުޞީބާތްތަކުން ރައްކާތެރިކޮށްދޭކަމެކެވެ. ޙަޤީޤަތުގައި އަނެކާއަށް ޖެހިފައިވާފަދަ މުޞީބާތެއް ތިބާއަށް ކުރިމަތިވުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެނަސް الله سبحانه وتعالى ތިބާ އެކަމުން ސަލާމާތްކުރައްވާ ރައްކާތެރިކުރައްވަނީ އެއިލާހު ، سبحانه وتعالى އަށް ދުޢާ ކުރުމުގެ ސަބަބުންނެވެ. 

އެހެންކަމުން އަޅުތަކުންގެ މައްޗަށްވަނީ އަބަދުވެސް الله سبحانه وتعالى އަށް ޒިކުރުކޮށް ދުޢާކުރުމެވެ. އަދި މުޞީބާތެއް ޖެހިފައިވާ މީހަކު ފެންނަހިނދު އެމީހަކަށް ހެޔޮދުޢާ ކޮށްދިނުމެވެ.  ތިބާއަށް އެފަދަ މުޞީބާތެއް ނުޖެއްސެވިކަމަށްޓަކައި ﷲ އަށް ޙަމްދުކޮށް ވާރިދު ވެގެންވާ ދުޢާތައް ކިޔުމެވެ.  

الله سبحانه وتعالى އަށް ވަކީލުކޮށް، ޔަޤީންކަމާއެކު ދުޢާ ކޮށްފިނަމަ، އިރާދަކުރެއްވިއްޔާ އެމީހަކަށް އެފަދަ މުޞީބާތެއް ނުޖެހޭނެއެވެ. އަދި ދެރަގޮތެއް މިންވަރު ނުކުރައްވާނެއެވެ.  

 

- މަސްދަރު: ނަޞޭޙަތް

މިއަދު އޮންލައިން