ޒަމާން ކިތަންމެ ފަސްވިޔަސް އާޚިރަތް ލިބޭނީ ޤުރްއާނަށް ޢަމަލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޒަމާން ކިތަންމެ ފަސްވިޔަސް އާޚިރަތް ލިބޭނީ ޤުރްއާނަށް ޢަމަލުކޮށްގެން!

ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ ވަކިޒަމާނަކަށް ނޫނެވެ. ވަކިބައަކަށްވެސް ނޫނެވެ. ވަކި ބައަކު ޢަމަލުކުރުމަކަށްވެސް ނޫނެވެ. ކީރިތި ޤުރްއާން ބާވައިލެއްވެވީ އެއިގެ ފަހުން ދުނިޔޭގައި އުޅޭނެ އެންމެން އެފޮތަށް ޢަމަލުކުރަންކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.  

ޒަމާން ކުރިއަރައި މީހުން ތަރައްޤީވެ ވިސްނުން ކުރިއެރުމުން ލިބޭ ކުރިއެރުން ބަލައިގަންނަން ޖެހޭނީ ކީރިތި ޤުރްއާނަށް ޢަމަލުކުރުމާއިއެކުގައެވެ. ފުރަތަމަ ކަމަކަށް އޮތީ ކީރިތި ޤުރްއާނަށް ޢަމަލުކުރުމެވެ. އެހެން ހުރިހާ ކަންކަން ގެންނަޖެހޭނީ އެއިގެ ފަހަތުންނެވެ!

މިހެން ބުނަން މިޖެހެނީ ކުރީގެ މީހުން އުޅުނު ގޮތް ކަމުނުދާކަމަށް ވިސްނައިދޭ ބައަކު އުޅޭތީއެވެ.  އެވިސްނުމުގެ މީހުން ދެކޭ ގޮތުގައި ކީރިތި ޤުރްއާނަކީވެސް މުސްކުޅި ފޮތެކެވެ. ބާވައިލެއްވެވީ މާކުރީ ޒަމާނެއްގައެވެ. މާކުރީގެ ބައަކަށެވެ.  

ޒަމާން ކިތަންމެ ފަސްވިނަމަވެސް ދިރިއޅުމަށް ކިތަންމެ ބޮޑެތި ކުރިއެރުންތަކެއް ލިބުނަސް އާޚިރަތް ކާމިޔާބުކުރެވޭނީ ކީރިތި ޤުރްއާނަށް ޢަމަލުކުރި މީހަކަށެވެ. ވީމާ އަހުރެމެންނަށް އޮތީ އާޚިރަތް ދުވަހަށް ބިރުވެތިވެ ޤުރްއާނަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެން މަސައްކަތްކުރުމެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރީ ޒަމާނުގައި ފޯނެއް ނެތެވެ. މިހާރު އެބަ ފޯނު ގެންގުޅެމުއެވެ. ފޯނުން ނުކުރެވޭ ބޭނުމެއް ނެތްކަމަށް ބުނެވޭ މިންވަރަށް ފޯނުގެ ބޭނުން އެބަހިފެއެވެ. އެއިގެ މާނައަކީ ފޯނުން ކުރެވޭ ކޮންމެ ބޭނުމެއް ކުރުން ހުއްދަވުމެއް ނޫނެވެ.  

ފޯނުގެ ބޭނުންވެސް ކުރަންޖެހޭނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި މިންވަރަށެވެ. ހުއްދަކުރެއްވެވި ކަންކަން ކުރުމަށެވެ. ކީރިތި ޤުރްއާނުގައި ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއްކުރަން ބޭނުންކޮށްފިނަމަ އެމީހަކު ފާފަވެރިވާނެއެވެ.  

އަދިވެސް އިތުރު މިޘާލެއް ބުނެލާނަމެވެ. ކުރީ ޒަމާނުގައި މީސްތަކުން ދަތުރުކޮށް އުޅުނީ ޖަމަލު، ޙިމާރު ފަދަ ޖަނަވާރުގެ މަތީގައެވެ. މއަދު މިވަނީ އެންމެ ޒަމާނީ ކާރާއި އުޅަނދުތައް ލިބިފައެވެ. ބޭނުން ސްޕީޑެއްގައި ދަތުރުކުރެވެއެވެ. ބޭނުން ސްޕީޑެއްގައި ދުއްވާފައި ގޮސް އެކްސިޑެންޓްވެ ގެއްލުންތައް ލިބުނީމާ އެއީ ލިބުނު ތަރައްޤީގެ ބޭނުން ހެޔޮގޮތުގައި ހިފުނީ ކަމަކަށް ނުވާނެއެވެ.  

ކުރިން މިބަޔާންކުރި ފަދައިން ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން ފޯނުން ކުރުމަކީވެސް ހަމަ އެފަދަ ކަމެކެވެ. ކުރެވޭ ބޮޑު ފާފައެކެވެ. އާޚިރަތް ގެއްލޭނެ ކަމެކެވެ. ވީމާ ލިބޭ ކުރިއެރުމާއި ތަރައްޤީ ބޭނުންކުރުމުގައި މުސްލިމުން މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. ނޫންނަމަ އެމީހަކަށް އާޚިރަތް ގެއްލިގެން ހިނގައިދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން